މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސުލްޖުމްހޫރިޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހާޒިރު ކުރަން ނިންމައިފިއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރިޔާޒުއެވެ. އެ މަރާ ގުޅިގެން އެނގިވަޑައިގަންވާ މައުލުމާތުތައް އެކަށީގެންވާ "ޕްލެޓްފޯމެއް"ގައި ދެއްވާނެ ކަމަށް މީގެ ކުރިން ރިޔާޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ފުލުހުންގެ މުއައްސަަސާގައި ނެތް މައުލޫމާތެއް އޭނާގެ އަތުގައިވެސް ނުހުންނާނެ ކަމަށް އެފަހުން އޭނާ ވަނީ ވިދާޅުވެފައެވެ.

މަރުތައް ބަލާ ކޮމިޝަނަށް ރިޔާޒު ހާޒިރު ކުރަން ނިންމިކަން އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ރިޔާޒު އެ ކޮމިޝަނަށް ހާޒިރު ކުރިތޯ އާންމުންގެ މީހަކު ޓްވިޓާގައި ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ދެމުންނެވެ.

ޖަވާބުގައި އެ ކޮމިޝަނުން ބުނެފައި ވަނީ ރިޔާޒު އަދި ހާޒިރުކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ހާޒިރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ. އޭނާގެ މަރާ ގުޅިގެން ދެ މީހަކު ހޯދުމަށް މީގެ ކުރިން މަރުތައް ބަލާ ކޮމިޝަނުން ވަނީ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް ރިޔާޒު ހާޒިރު ކުރަން ނިންމާފައިވާއިރު، ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައިގެ މައުލޫމާތު ހޯދުމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ) ވަނީ ހާޒިރުކޮށްފައެވެ. އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގެ ކުރިން އޭނާއަށް އަމާޒުކޮށް ކުރި ޓްވީޓުތަކާ ގުޅިގެން ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒު ވެސް ދާދި ފަހުން ވަނީ ހާޒިރުކޮށްފައެވެ.