22 Apr 2019, 09:32
ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކަކީ 2009 ވަނަ އަހަރު އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން ލަންކާއަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ. އެއާއެކު އެގައުމުގެ ރައްޔިތުންނަށް ވަނީ މީގެ 10 އަހަރު ކުރިން އިހުސާސު ކުރެވުނު ބިރުވެރިކަމާއި ހާސްކަން އަނެއްކާވެސް ތަހައްމަލު ކުރަން ޖެހިފަ އެވެ.
އިއްޔެ ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ފުރަތަމަ ބޮން ގޮއްވާލި ކަމަށް ރިޕޯޓު ކުރީ ދެ ފައްޅިއެއްގަ އެވެ. އޭގެ ފަހުން ދެ ލަގްޒަރީ ހޮޓަލެއްގަ އެވެ. އަދި ދުވަސް ނިމުމުގެ ކުރިން އެގައުމުގައި ދިން ބޮމުގެ ހަމަލާތަކުގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި އެހުރިހާ ހަމަލާއެއްވެސް ދީފައި ވަނީ އެއް ޖަމާއަތަކުން ކަމަށް ބެލެވެ އެވެ. ނަމަވެސް އެއީ ކޮންބައެއްކަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެހަމަލާތަކުގެ ސަބަބުން ލަންކާގެ ހަނގުރާމައިގައި ތަމަޅަ ޓައިގަރުން ދިން ހަމަލާތަކުގެ ހަނދާން އާވާ އެއް ސަބަބަކީ، އެޖަމާއަތަކީވެސް އާއްމުންނާއި ފަތުރުވެރިން ގިނަ އަދަދަކަށް އެއްވެ އުޅޭ ތަންތަނަށް ވަރުގަދަ ހަމަލާތައް ދީފައިވާ ޖަމާއަތަކަށްވާތީ އެވެ. އެޖަމާއަތުން 1987 ވަނަ އަހަރު ކޮލަމްބޯގެ ބަސް ސްޓޭޝަނަކަށް ހަމަލާއެއްދީ 113 މީހަކު މަރާލި ހާދިސާ އާއި 1996 ވަނަ އަހަރު މަރުކަޒީ ބޭންކަށް ހަމަލާދީ 100 މީހަކު މަރާލި ހާދިސާގެ ހަނދާން މުޅިން ފިލާ ނުދެ އެވެ.

ސްރީލަންކާގައި އިއްޔެ ދިން ހަމަލާތައް އަމާޒު ކުރީ ގިނަ މީހުން އެއްވެ އުޅޭ ފައްޅިތަކަށާއި ހޮޓާތަކަށް -- ފޮޓޯ: ގެޓީ
އެހެންކަމުން 18 މެއި 2009ގައި ތަމަޅަ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލިކަން ސަރުކާރުން އިއުލާން ކުރުން ވެގެންދިޔައީ ލަންކާގައި އަމާންކަން ގާއިމު ކުރުމަށް އެދިއެދި ތިބި ރައްޔިތުންނަށް އުފާވެރި ހަބަރަކަށެވެ. ނަމަވެސް އިއްޔެގެ ހަމަލާތަކާއެކު އެގައުމުގެ ރައްޔިތުންނަށް އަނެއްކާވެސް ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފަ އެވެ.
އޭގެ ތެރޭގައި މީގެ 30 އަހަރު ކުރިން ރެފިއުޖީއެއްގެ ގޮތުގައި ލަންކާއިން އިނގިރޭސިވިލާތަށް ބަދަލުވި ޕްރޮފެސާ ކިއެރަން އަރަސަރަތުނަމް ހިމެނެ އެވެ. އޭނާ ބުނި ގޮތުގައި މިދުވަސްކޮޅު ލަންކާއަށް ގޮސް ހުރީ އިޖުތިމާއީ ޕްރޮޖެކްޓެއް ލޯންޗު ކުރުމަށްޓަކަ އެވެ. އަދި އޭނާ ހުރީ އިއްޔެގެ އެއް ހަމަލާގެ އަމާޒަކަށްވި ޝަންގްރިއްލާ ހޮޓަލުގަ އެވެ.
"(ހަމަލާގެ އަޑާއެކު) އެންމެން ބިރުން ދުވަން ފެށި. އަހަރެންގެ ކަނާތަށް ހުރި ކޮޓަރިއަށް ބެލުމުން ފެނުނީ ހުސް ލޭ.. މީހުންގެ ގައިގައިވެސް ލޭ ހުރި އަދި އެކަކު އަންހެންކުއްޖަކު އެމްބިއުލާންސަކަށް އަރުވަން ގެންދިޔަ،" ޕްރޮފެސާ އަރަސަރަތުނަމް ވިދާޅުވި އެވެ.
އެހަމަލާ ދިނީ ޝަންގްރިއްލާ ހޮޓެލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ރެސްޓޯރެންޓެއްގަ އެވެ. އަރަސަރަތުނަމް ބުނި ގޮތުގައި އޭނާ މިހާރު ހުރީ އެމާޖެންސީ ހިޔާއެއްގަ އެވެ.
"ލެއިންފޯވެފައިވާ ކުޑަކުދިން ގޮވައިގެންދާތަން ފެނުމުން ވަރަށް ހިތްދަތިވޭ. އަހަރެން މީގެ 30 އަހަރު ކުރިން ލަންކާ ދޫކޮށް ދިޔައީ ރެފިއުޖީއެއްގެ ގޮތުގައި އަދި ހިއެއް ނުކުރަން ދެން ދުވަހަކުވެސް މިފަދަ މަންޒަރެއް ފެންނާނެ ކަމަށް،" ޕްރޮފެސާ އަރަސަރަތުނަމް ވިދާޅުވި އެވެ.

ލަންްކާގައި ބޮން ގޮއްވި ސަރައްދެއްގައި ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ -- ފޮޓޯ/ އޭޕީ
ނަމަވެސް އެހާލަތުގައިވެސް ލަންކާގެ ރައްޔިތުން ވަނީ އެއްބައިވަންތަކުގެ ނަމޫނާއެއް ދައްކާފަ އެވެ. އެގޮތުން ހަމަލާތައް ދިންތާ މާގިނަ އިރުތަކެއް ނުވެ، އެހާދިސާގައި އަނިޔާވި މީހުންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން ނެޝަނަލް ބްލަޑް ސެންޓަރަށް ގޮސް ލޭ ހަދިޔާ ކުރަން ތައްޔާރުވި އެވެ. އަދި އެސެންޓަރަށް ދިޔަ މީހުންގެ އަދަދު ގިނަ ކަމުން ބްލަޑް ބޭންކަށް ޖެހުނީ އެވަގުތު އިތުރަށް ލޭ ބޭނުން ނުވާ ކަމަށް ބުނެ، މީހުން ބްލަޑް ސެންޓަރަށް އެއްނުވުމަށް އެދޭށެވެ.
"އެންމެންގެ މަގުސަދަކަށްވީ އެއް ކަމެއް. އެއީ ހަމަލާގައި އަނިޔާވި މީހުންނަށް އެހީވުން، އެއީ ކޮންމެ ދީނެއް ނުވަތަ ނަސްލެއްގެ މީހެއް ކަމަށް ވިޔަސް،" ހަމަލާތައް ދިންކަމުގެ ހަބަރާއެކު ބްލަޑް ސެންޓަރަށް ދިޔަ އުސްމާން އަލީ ބުންޏެވެ.
ލަންކާގެ ރައްޔިތުން މިހާރު ތިބީ އެހަމަލާތަކުގެ ސަބަބުން އިތުރު ހަމަނުޖެހުމަކަށް މަގުފަހިނުވާނެ ކަމަށް ދުއާކޮށްލަ ކޮށްލަ އެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެއީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ދިން ފިނޑި އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިވަގުތުގައި އެންމެން އެއްބައިވެ ތިބުމަށާއި، ސައްހަ ނޫން ހަބަރު ފަތުރައި، އިތުރު ހަމަނުޖެހުންތަކަށް މަގުފަހިވާ އަމަލުތަކުން ދުރުހެލިވުމަށް އެދިވަޑައިގެންފަ އެވެ.