21 Apr 2019, 19:29
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީކަމުން ވަކިކުރި މައްސަލައިގައި އިންސާފު ހޯދުމަށް ކޯޓަށް ދިޔުމަށް އެ މަގާމުން ވަކިކުރި މުހައްމަދު ސައީދު ނިންމައިފިއެވެ.
ސައީދު ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރީ މިދޔަ ބުދަ ދުވަހުއެވެ.
ސައީދު މަގާމުން ދުރުކުރީ އޭނާ މަގާމުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައި ހުންނަތާ ތިން މަސްވާން ކައިރިވެފައިވަނިކޮށެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ސައީދު އެ މަގާމުން ވަކިކުރީ ސައީދުގެ މައްސަލަ ބެލި ކޮމިޝަނުން ވަޒީފާއިން ވަކިކުރާ ވަރަށް ހެކި ލިބިގެންކަމަށެވެ.
ސައީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް:
- ތައުލީމީ ދާއިރާގެ މުވައްޒަފެއް، ރަސްމީ ގަޑީގައި މުލީއާގެ އަށް ގޮސް ރިޔާސީ އިންތިޚާބުގެ ހަރަކާތްތަކުގައި ބައިވެރިވުން.
- ތައުލީމީ ދާއިރާގެ މުވައްޒަފެއްގެ ފަރާތުން، އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު މުލީއާގެއާ ހިއްސާކުރުން.
- އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގައި ހުށަހަޅާފައިވާ ލިޔުންތައް ސައްހަތޯ ބަލާފައި ނުވުން.
އެ ތުހުމަތުތަކަށް ރައްދު ދެއްވައި ސައީދު ނެރުނު ބަޔާނުގައި ވިދާޅުވީ އޭނާ ޕީއެސްގެ މަގާމުގައި ހުންނެވިއިރު އެޑިއުކޭޝަންގެ އެއްވެސް މުވައްޒިފެއް މުލީއާގެއަށް ނުވަތަ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމަށް ނުފޮނުވާ ކަމަށާއި އަދި އެފަދަ ކަމެއްގެ އެއްވެސް ހެއްކެއް ސިވިސް ސާވިސް ކޮމިޝަނުން ކުރި ތަހުގީގުން ސާބިތު ކޮށްދެވިފައިނުވާ ކަަަމަށެވެ.
ސައީދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އެެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހޯދައި އެއްވެސް ފަރާތަކަށް ދިނުމަށް އަންގައިފައި ނުވާ ކަަމަށެވެ. އަދި އެކަމުގައި ބޭނުންކޮށްފައިވާ އީމެއިލްއަކާ ގުޅޭ އެއްވެސް ހެއްކެއް އައިޓީ ސެކްޝަނުން ލިބޭނެ ކަމަށާއި ނަމަވެސް އެފަދަ ހެެއްކެއް ދެއްކިފައިނުވަކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދެ މުވައްޒަފުންގެ މައްޗަށް އެޅުމަށް ކަނޑައެޅުނު ފިޔަވަޅު ތަންފީޒު ކުރައްވާފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެ މުވައްޒަފުންނާ މެދު އަޅާފައިވާ ފިޔަވަޅު ނުވަތަ އެ ފިޔަވަޅު އެޅުމަށް ހިނގި މަރުހަލާތަކުގައި ގޯހެއް އުޅޭ ނަމަ އެކަމުގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ،" ސައީދުގެ ބަޔާނުގައި ވެއެވެ.