މާލޭ ސިޓީ ކައުންސިލްއިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މާލޭގެ މަގުތައް އަލުން ހެދުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޑިޒާސްޓާ އޮތޯރިޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ އިއްޔެ މާލެއަށް ބޯކޮށް ވިއްސާރަ ވެހެން ފެށުމާއެކު ފެން ބޮޑުވުން ފަދަ ހާދިސާއެއް ދިމާވެދާނެތީ ވަރަށް ބޮޑަށް ތައްޔަރުވި ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ބަގީޗާގައި ހުންނަ ޕަމްޕް ފިޔަވައި ހުރިހާ ޕަމްޕެއް އެކްޓިވޭޓް ކުރި ކަމަށް ޝިފާ ވިދާޅުވި އެވެ.

އިއްޔެ މެންދުރު މާލެއަށް ކުރި ބޯ ވިއްސާރައިގައި މާފަންނު އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް މަގުތަކުގައި ފެންބޮޑުވި އެވެ.

"އަޅުގަނޑުމެން ހުޅަނގު މޫސުން އައުމުގެ ކުރީގައި ވާހަކަތައް ދައްކަން ފައްޓައިފިން ޓުވީޓުތަކުންވެސް އެނގިވަޑައިގެންނަވާނެ މި ބޭފުޅުންވެސް މި ދެއްވާ މެސެޖުތަކާ އެއްގޮތަށް އަދިވެސް މާލޭގައި މަގުތަކާ އެއްގޮތަށް މާލޭގެ ހާލަތު ރަނގަޅެއް ނުވޭ." ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ އެންމެ ފަހުން މަޖީދީ މަގު ހެދުމުގެ ކުރިން އެ މަގުގައި ފެންބޮޑުވުން ފަދަ ހާދިސާތައް ކުރިމަތި ނުވާ ކަަމަށާއި އެހެން ނަމަވެސް އެންމެ ފަހުން މަގު ހެދުމަށްފަހު ވަރަށް ފަސޭހައިން އެމަގު ފެންބޮޑުވާތަން ފެންނަމުންދާ ކަމަށެވެ.

" ހަމަ އެހެންމެ ރަސްފަންނު ހެދިއިރުވެސް އެއޮތީ ތަންކޮޅެއް މައްޗަށް ހިއްލާލެވިފަ އެހެންވެުމުންވެސް ހަމަ ތަގަރިއެއްހެން މާލޭގެ އެތެރެއަށް ފެން ވަންނަ ގޮތް މިވަނީ އަނެއްކޮޅުން ރިންގްރޯޑްވެސް އެއޮތީ އުސްކޮށް އެހެންވީމަ ހަމަ ދެ ފަރާތުން ފެން އައިސް ބެދެނީ ހަމަ މިތާ. އެހެންވުމުގެ ސަބަބުން މާފަންނު ކޮޅުގައި ހަމަ އޮބި ނޯވޭ ހަމަ ކިރިއާ ވެހެލާއިރަށް މިކަންތައްތައް ޖެހޭ" ޝިފާ ވިދާޅުވި އެވެ.

އެހެން ކަމުން އެންމެ ފުރަތަމަ ސިޓީ ކައުންސިލްއިން މާލެއަށް ކަމެއް ކޮށްދެންޏާ ހަމަ ކުރައްވަން ޖެހޭ ކަމަކީ މާލޭގައި ހުރި މަގުތައް ކޮންމެ ގޮތެއް ވިޔަސް އަލުުން ހެދުން ކަމަށް ޝިފާ ވިދާޅުވި އެވެ.