އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ން 25 މިލިޔަން ޑޮލަރުގެ ލޯނެއް ނަގައިގެން އައްޑޫ ސިޓީގައި ހޮސްޕިޓަލެއް އަޅަން ނިންމައި އެކަމުގެ ތައްޔާރީތައް ސަރުކާރުންވާން ފަށާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގައި ހޮސްޕިޓަލެއް އެޅުމަށް އައިޑީބީއާއި ސަރުކާރާ ދެމެދު މަޝްވަރާތައް ހިނގަމުން އަންނަ ކަމަށާއި ހޮސްޕިޓަލުން އެޅުމަށް އެބޭންކުން 25 މިލިޔަން ޑޮލަރުގެ ލޯނަކަށް މިހާރު އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ ސާކް ސަމިޓް ތޭރޭގައި ސައުދީ އަރަބީޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަޑައިގެން އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ލޯން ނުނަންގަވާނެ ކަމަށާއި ލޯނު ނެގުމުން އިތުރަށް ދަރަނިވެރިވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުމަށް އިޝާރާތްކޮށް ސަން އޮންލައިނުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖީޑީޕީގެ 60 ޕަސެންޓަށް ސަރުކާރުގެ ދަރަނި ނާރާ ގޮތަށް ހިފެހެއްޓުން ކަމަށެވެ. ދައުލަތުން ބަލަނީ ދަރަނިވެރިވާން ރަނގަޅީ ކޮންކަހަލަ ކަންތައްތަކެއް ކޮންގެންކަން މިހާރު ވިސްނާ ކަމަށާއި ސަރުކާރު ދަރަނިވެރިވާނީ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ހޮސްޕިޓަލެއް އަޅަންތޯ ގަނޑުވަރެއް އަޅަންތޯ ނުވަތަ ސްކޫލެއް އަޅަންތޯ ސަރުކާރުން ވަރަށް ބޮޑަށް ވިސްނާނެ، ދަރަނިވެރި މިވަނީ ކޮންގޮތަކަށް ތޯ. ސަރުކާރަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ދަރަނިވެރިވުން އެއީ މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ސާކް ސަމިޓާއި ގުޅުވައިގެން އައްޑޫ ސިޓީގައި ހިންގާ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް މިހާރު އައިސްފައިވާ ކުރިއެރުމާއިމެދު ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ވިދާޅުވީ އައްޑޫގައި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެ، ހޮސްޕިޓަލްގައި އައިސީޔޫގެ ހިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދެވިފައިވާކަމަށެވެ.

"ސާކް ސަމިޓަށް ބޭނުންވާ ވަރަށް މިވަގުތައް ޞިއްހީ ހިދުމަތްތައް ގާއިމްކޮށްދެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވިއެވެ.

މަދަނައިގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަންނަ ޖެނުއަރީމަހު ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެ މަސައްކަތްތަށް ވަރަށް ބާރަށް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ޖެނުއަރީ1، 2012 އިން ފެށިގެން ރާއްޖޭގެ ހުރިހާ ބޭސް ފިހާރައެއްގައި މަދަނައިގެ ދަށުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.