ކޮލަމްބޯ (އޭޕްރިލް 19): ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދެނޭ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އަށް ސަރަހައްދަކަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް 190 މީހުން މަރުވެ، 450އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެހަމަލާތައް ދީފައި ވަނީ ކޮލަމްބޯ އާއި ނިގަމްބޯ އާއި ބަޓިކޮލާ އާއި ދެހިވަލާ އާއި ޑެމަޓަގޮޑާގަ އެވެ.

މިނިސްޓަރު ވިޖެވަރުދެނޭ ވިދާޅުވި ގޮތުގައި އެހަމަލާތައް ދީފައި ވަނީ އެއް ޖަމާއަތަކުން ކަމަށް ބެލެވެ. އަދި ހަމަލާތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ ޑެމަޓަގޮޑާއިންނެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެހަމަލާތައް ކުށްވެރި ކުރައްވައި، އެހަމަލާތައް މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހަމަލާތަކާ ގުޅިގެން މުޅި ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

ލަންކާގައި ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށާއި ހަމަލާތަކުގައި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބުނުތޯ ގާތުން ބައްލަވަމުންދާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސަޑަރު އުމަރު އަބްދުލް ރައްޒާގު ވަނީ ވިދާޅުވެފަ އެވެ. އަދި ސަފީރު ވަނީ އެއްވެސް ދިވެއްސަކު ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރައްވާފަ އެވެ.