21 Apr 2019, 16:00
ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުންދީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ހާއްސަ މަންދޫބެއް ފޮނުއްވުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ސްރީލަންކާއަށް ފޮނުއްވަނީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ހަލީލް އެވެ.
މިދަތުރުފުޅުގައި ހަލީލް ސްރީލަންކާއަށް ފުރާވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާނެ ކަމަށެވެ.
ސްރީލަންކާގައި ދިން މި ޓެރަރިސްޓު ހަމަލާގައި 156 މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. މި ހަމަލާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވައިފަ އެވެ.