21 Apr 2019, 15:43
ލަންކާގައި މިއަދު ހިނގަމުންދާ ބޮމު ހަމަލާތަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އެގައުމުގައި ކާފިއު އިއުލާންކޮށް، ޝޯޝަލް މީޑިއާވެސް ބްލޮކް ކޮށްލައިފި އެވެ.
ލަންކާގައި މިއަދު ހެނދުނުން ފެށިގެން މެންދުރު 2:30 ވީއިރު، އަށް ސަރަހައްދެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ދެހިވަލަ ހިމެނެ އެެވެ.
ލަންކާގެ ސަރުކާރުން މީގެ ކުރިން ނިންމާފައިވަނީ މިއަދު އިރުއޮއްސި 6:00 އިން މާދަމާ ހެނދުނު 6:00 ކާފިއު އިއުލާން ކުރުމަށެވެ.
ނަމަވެސް ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރަ ވިދާޅުވީ، މިހާރުން ފެށިގެން ކާފިއު އިއުލާން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ގައުމުގައި މިހާރު ހިނގަމުންދާ ހަމަލާތަކާ ގުޅިގެން ކާފިއު އިއުލާންކޮށްފައިވާ އިރު، އަންގާރަ ދުވަހާ ހަމައަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެގަމުން ވަނީ ހަމަޖައްސާފައެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސަޑަރު އުމަރު އަބްދުލް ރައްޒާގު "ސަން" އަށް ވިދާޅުވީ، މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށާއި ހަމަލާތަކުގައި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބުނުތޯ ގާތުން ބައްލަވަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކު ބޭރަށް ނުނިކުތުމަށް ސަފީރު އިލްތިމާސް ކުރެއްވި އެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 190 އަށް ވަނީ އަރާފަައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 450 އަށް އަރާފައެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން އެގައުމުގައި މިފަދަ ހަމަލާތަކެއް ހިނގި ފުރަތަމަ ފަހަރެވެ.