19 Oct 2011, 13:16
ސާކް ސަމިޓަށް ފަހު އައްޑޫ ކޮންވެންޝަން ސެންޓަރު ހިންގަން ބަޔަކާ ހަވާލު ކުރުމަށާއި އެ ކޮންވެޝަން ސެންޓަރު ކައިރީގައި ކޮންވެންޝަން ހޮޓަލެއް އަޅަން މި ހަފުތާގެ ތެރޭގައި ބީލަމަށް ހުޅުވައިލައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ ޕަބްލި ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އަންނަ މަހު ބާއްވާ 17 ވަނަ ސާކް ސަމިޓް ނިމުމާއެކު އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކޮށްފައިވާ ކޮންވެންޝަން ސެންޓަރު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ސެންޓަރާ އިންވެގެން ކޮންވެންޝަން ހޮޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައްވާނެ ކަމަށާއި އެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.
" ކޮންވެންޝަން ސެންޓަރާއި ކޮންވެންޝަން ސެންޓަރާއި ގުޅޭ ކޮންވެންޝަން ހޮޓަލެއް ހިންގުމުގެ ބީލަން މިހަފުތާގެ ތެރޭގައި ނުކުންނާނެ. އަޅުގަނޑަށް އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީން އިޝާރާތްކޮށްފައިވަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާޏު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކޮންވެންޝަން ސެންޓަރާއި، އިތުރަށް ގާއިމްކުރާ ކޮންވެންޝަން ހޮޓަލް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކުރަން އިއުލާނު ކުރިނަމަވެސް އެ މަސައްކަތް ހަވާލުކުރަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު ފެށޭއިރު ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ