ވާރޭ ވެހި ލިބިދޭނެ ގެއްލުންތަކަަށް ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ގޮވާލައިިފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޑިޒާސްޓާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު މޫސާ އިކްރާމް ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުންދަނީ އާދަޔާ ހިލާފު ވިއްސާރައެއް ނޫން ކަމަށެވެ. އަދި މިއީ ހަމަ މޫސުމާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށާއި ހުޅަނގު މޫސުން ފެށުމުން މިގޮތަށް ވިއްސާރަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ރައްޔިތުންނަށް އިލްތިމާސްކުރަން ފެންބޮޑުވާ ސަރަހައްދުގައި ނުވަތަ އުދަ އަރާ ސަރަހައްދުގައި ތިމަންނަގެ ގެ ފާހަގަކުރެވިއްޖިއްޔާ ދުރާލާ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތައް [އެޅުން]. މިގޮތުން ގޭގައި ވެލިބަސްތާ ފަދަ އެއްޗެތި ހަމަ ތައްޔާރުކޮށްފައި ބެހެއްޓުން، ވާރޭ ވެހިގެން ފެންބޮޑުވާނެ ކަމަށް ހީފުޅުވާނެ ކަމުގައި ވެއްޖިއްޔާމު ޖައްސައިގެން ފެން ނުވަންނާނެ ފަދަ ގޮތަކަށް އަމަލުކުރުން." އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ވިއްސާރައާ ގުޅިގެން ބަނދަރުގައި އަޅާފައި ހުރި ޑިންގީތަކާއި ލޯންޗުތަކުގެ ވާ ކަނޑައިގެން ދިއުމުގެ މައްސަލަތައް ދިމާވަމުންދާ ކަމަށެވެ. އަދި ކޮޅިގަނޑުގައި ވައި ގަދަވާނެ ކަމުގެ އެލާޓެއް ލިބިއްޖެ ކަމުގައިވާ ނަމަ ބަނދަރުތަކުގަ އާއި ޖެޓީތަކުގައި އަޅާފައި ހުންނަ އެެއްޗެތި ރަނގަޅަށް ވާ އެއްސުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ކޮންސްޓްރަކްޝަން ސައިޓްތަކުގައާއި ގޭގޭގެ ފުރާޅުތަކުގައި ހުރި އެއްޗެތީގެ ތެރެއިން ނެގެން ހުރި އެއްޗެތި ނަގައި އަދި ނުނެގެން ހުރި އެއްޗެތި ރަނގަޅަށް ވާފަދަ އެއްޗެތި ބޭނުންކޮށްގެން ރަނގަޅަށް އެއްލާ ނުލާނެ ފަދަ ގޮތަކަށް ހަރުކުރުމަށް ވެސް އުމަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިފަދަ އެއްޗެތި ވަޔާ އެއްލާލައިގެން ހަމައެކަނި ގެއެއްގެ މީހަކަށް އެކަންޏެއް ނޫން ގެއްލުންވާނީ. އެ ޖެހޭ މީހަކަށް ވެސް ބޮޑެތި ގެއްލުންތައް ވުމުގެ ފުރުސަތު ]އެބަހުރި]. އެހެންވީމާ ހުރިހާ އެންމެން ވެސް ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް." އުމަރު ވިދާޅުވި އެވެ.