ލަންކާ ގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ތިބޭ ދިވެހިންނަށް ގުޅުމަށް ހާއްސަ ރޭޓެއް އުރީދޫ އަދި ދިރާގުން ކަނޑައަޅައިފިއެވެ.

އުރީދޫ އިން ބުނީ ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާ ގައި އުޅޭ ގާތްތިމާގެ މީހުންނާއި އާއިލާ އަދި ރައްޓެހިންނަށް ފަސޭހަ ކަމާއެކު ގުޅުމަށް މިރޭ 23:59ގެ ނިޔަލަށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް މިނެޓަކަށް އެއް ރުފިޔާގެ ރޭޓުން ލަންކާގެ ނަންބަރުތަކަށް ގުޅޭނެ ކަމަށެވެ.

ދިރާގުން ވެސް ވަނީ މިރޭ މެންދަމު 12 އާއި ހަމައަށް ލަންކާ އަށް ގުޅަން އެއް ރުފިޔާގެ ހާއްސަ ރޭޓެއް ކަނޑައަޅައިފައެވެ.

މި ހާދިސާގައި އަސަރުކުރި ހުރިހާ މީހުންނަށް އުރީދޫ އަދި ދިރާގުން ވަނީ ހެޔޮދުއާ ފޮނުވައިފައެވެ.

ބޮމުގެ ހާދިސާގައި 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ލަންކާގައި މިއަދު ހެނދުނު ދިން ހަމަލާތަކާ ގުޅިގެން އެގައުމުގައި ހުންނަ ދިވެހި އެމްބަސީ އިން ވަނީ ހާއްސަ ހޮޓްލައިންތަކެއް ގާއިމް ކޮށްފައެވެ. އެ ނަންބަރުތަކަކީ +94727277072، +94766942654 ނުވަތަ +9607983400 އެވެ.

ލަންކާގައި ދިން ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައިއެވެ. ދިވެހިން ތިބީ މި ހާދިސާގެ އަސަރު ކުރި މީހުންނާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.