19 Oct 2011, 12:55
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ބުނީ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10 ކުން 11:30 އަށް ޓްރޭޑާޒް ހޮޓަލްގައި ކުރިއަށްދާނެ ކަމަށެވެ. މާދަމާގެ ބައްދަލުވުމުގައި ބިޑުތަށް ހުށަހަޅާ ނިމުމުން އެ ބިޑުތަށް އެންމެންގެ ހާޒިރުގައި ހުޅުވާ އެ މައުލޫމާތުތައް ހާއްސަ ޝީޓްތަކެއްގައި ރެކޯޑު ކުރާނެ ކަމައްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ތިލަފުށިން ބިން ކުއްޔަށް ދޫކުރަނީ 35 އަހަރަށެވެ. ފުރަތަމަ ތިން އަހަރަށް ބިން ދޫކުރަނީ އަކަ ފޫޓަކަށް ދޮޅު ރުފިޔާ ނަގާ ގޮތަށް ކަމަށާއި ހަތަރު ވަނަ އަހަރާއި ފަސްވަނަ އަހަރު އަކަ ފޫޓަކަށް 2.50ރ. ނަގާނެ ކަމަށް ޓީސީއެލް އިން ބުންޏެވެ. އަދި އަދި ހަ ވަނަ އަހަރުން ފެށިގެން އިންފްލޭޝަނަށް ބަލާފައި އަގަށް ބަދަލު ގެންނާނެ އެވެ. ބިން ދޫކުރުމުގައި އިސްކަމެއް ދޭން ހަމަޖައްސާފައި ވަނީ ބޮޑު އެޑްވާންސެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް ޓީސީއެލް އިން ބުނެ އެވެ.
ފުރަތަމަ ބުރުގައި ކުއްޔަށް ދޫކުރާ ބިންތަކުގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން މެޓީރިއަލް ގުދަންކުރުމަށް ދޫކުރާ 20،000 އަކަފޫޓްގެ 20 ބިމާއި ލަކުޑި މަސައްކަތްތަކަށް ދޫކުރާ 10،000 އަކަފޫޓުގެ 20 ބިމާއި ސޯމިލްއާއި އެކި ބާވަތުގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިމާއި ދަގަނޑާއި އިލެކްޓްރިކަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިން އަދި އެހެނިހެން މަސައްކަތްތަކަށް ދޫކުރާ 20،000 އަކަފޫޓުގެ ހަތަރު ބިމާއި ހަމަ އެކި ބޭނުންތަކަށް ދޫކުރާ 2000 އަކަފޫޓުގެ 74 ބިމެކެވެ.
ތިލަފުށި ފަޅުން އަލަށް ހިއްކާ 157 ހެކްޓަރުގެ ސަރަހައްދުގައި އިންޓަނޭޝަނަލް ޕޯޓަކާއި ކޮންޓެއިނަރު ޓާމިނަލެއް ވެސް ގާއިމްކުރަން ޓީސީއެލް އިން ވަނީ ޕްލޭންކޮށްފަ އެވެ.