ލަންކާގައި މިއަދު ހެނދުނު ދިން ޓެރަރިސްޓު ހަމަލާތަކުގައި 160 އެއްހާ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، ދިވެހން ތިބީ މިހާދިސާގެ އަސަރު ކުރި ލަންކާ ރައްޔިތުންނާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތައް ކުށްވެރިކުރައްވައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަންކާގައި ދިން ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ރައީސްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މި ހަމަލާތައް ކުށްވެރި ކުރައްވައި ޓްވީޓު ކުރައްވައިފަ އެވެ. ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން މި ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާ އެކު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ހެނދުނު ލަންކާގެ ކްރިސްޓިއަނުންގެ ތިން ފައްޅި އަކަށާއި ތިން ހޮޓަލަކަށް ދިން ހަމަލާގައި 160 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މި ހާދިސާތައް ހިނގި ސަރަހައްދުތަކަކީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ސަރަހައްދުތަކަކަށް ވާތީ، ގެއިން ބޭރަށް ނިކުމެ ނޫޅެން ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އެމްބަސީ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ މި ހާދިސާތައް ކުށްވެރިކޮށްފަ އެވެ.