ލަންކާގައި އުޅޭ ދިވެހިން ބޭރަށް ނިކުމެ ނޫޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އެދިއްޖެއެވެ.

އެމްބަސީ އިން ކުރި ޓްވީޓުގައި ބުނީ ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮވުމުގެ ހާދިސާތައް ހިނގާފައިވާތީ، ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ހާދިސާ އާއެކު ލަންކާގައި އުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް އެމްބަސީ އިން ބުންޏެވެ.

ލަންކާގައި ހުންނަވާ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު މިއަދު "ސަން" އަށް ވިދާޅުވީ ލަންކާގައި އާންމުކޮށް ދިވެހިން ގޮސްއުޅޭ ތިން ހޮޓަލެއްގައި ބޮން ގޮއްވާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ދިވެހިންގެ ހާލަތު ބެލުމަށް ލަންކާގައި ދިވެހިން ގޮސްއުޅޭ ތަންތަނަށް އެމްބަސީގެ މުވައްޒަފުން ޒިޔާރަތްކޮށް މޮނީޓާ ކުރަމުންދާކަމަށްވެސް އެމްބެސެޑަރު ވިދާޅވިއެވެ.

މި ހާދިސާގައި 160 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ.

ދިވެހި ސަރުކާރުންވެސް ވަނީ ލަންކާގައި ދިން މި ޓެރަރިސްޓު ހަމަލާތައް ކުށްވެރިކޮށްފައެވެ.