ކޯޓުތަކުގައި ހިނގާ ޝަރީއަތުގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ގެނެސް ދިނުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް އަލުން ދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، އެ ޓީވީން ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް ކޮންޓެންޓެއް ދެއްކި ކަމަށް ފާހަގަކޮށް، މިދިޔަ ނޮވެމްބަރު މަހު ހަތަރު ވަނަ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި ޝަރުއީ ދައިރާގެ ހަރަކާތްތައް ގެނެސް ދިނުމުގެ ފުރުސަތު ނުދިނުމަށް އެ ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، "ޝަރީއަތްތަކުގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން އިންތިޒާމް ކުރާ އެއްވެސް ހަރަކާތެއް ކަވާ ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ ނުދިނުމަށް ނިންމާފައިވާ އޮތްއޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން،" ނިންމަވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނީ، އެގޮތަށް ނިންމީ، ޝަރީއަތްތަށް ކަވާ ކުރުމަށް ފުރުސަތު ނުދިނުމަށް އެ ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން ރާއްޖެ ޓީވީން ފޮނުވާފައިވާ ދެ ސިޓީއަކާ ހަވާލާދީ، އެ ދެ ސިޓީގައި ހުރި ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.

"ދެ ސިޓީގައި ޖުޑިޝަރީއާ ގުޅުންހުރި މައުލޫމާތުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ލިބިދިނުމަށް އެދި، ރާއްޖެ ޓީވީން ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް،" ހުއްދަ އަލުން ދިނުމަށް ނިންމީ އެކަންތަކަށް ރިޔާއަތްކޮށް ކަމަށް ޑީޖޭއޭ އިން ރާއްޖެ ޓީވީ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހު ހަތަރު ވަނަ ދުވަހު ރާއްޖެ ޓީވީ އަށް ޑީޖޭއޭ އަށް ނެރުނު އިއުލާނުގައި ބުނީ، އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންނާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށެވެ.

އެމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ޚިލާފު އަމަލެއްކަމަށް އެ އުލާން ގައި ބުނެފައި ވެއެވެ.

އެ އެމައްސަލަ ބަލައި ތަހުގީގުކޮށް އިތުރު ގޮތެއް ކަނޑައަޅަންދެން ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.