ސްރީލަންކާގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަށް މިއަދު ހެނދުނު ދިން ޓެރަރިސްޓު ހަމަލަތައް ކުށްވެރިކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލަންކާ ގަޑިން ހެނދުނު 8:45ގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 49 މީހުން މަރުވެ، 160 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓު ހަމަލާތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެ ހާދިސާތަކުގެ އަސަރު ކުރި ހުރިހާ އާއިލާއަކަށް ތައުޒިޔާ ފޮނުވާ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި ހަމަލާތައް ދިން ތިން ހޮޓަލަކީ ވެސް އާންމުކޮށް ދިވެހިން ގޮސްއުޅޭ، އަދި ލަންކާއަށް ދާ ދިވެހިން މަޑުކުރާ ތިން ހޮޓަލެވެ. މި ހާދިސާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުންވިތޯ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ބަލަމުންދާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ލަންކާގެ ކްރިސްޓިއަން ތިން ފައްޅިއެއްގައި ބޮމުގެ ހަމަލާ ދީފައި ވަނީ ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ އާއި ދިމާކޮށެވެ.