ކޯރަމް ގެއްލެމުންދާ މައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެ މަޖިލީހުގެ ނިޒާމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ދަންފަޅި ނިންމާލައިފި އެވެ.
މެންދުރުގެ ދަންފަޅީގެ ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ، މަޖިލީޙުގެ ނިޒާމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ދަންފަޅި ނިންމަވާލެއްވީ ކަމަށާއި ދެން ޖަލްސާ ފައްތަވާނީ 1:00ގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވީ، ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށް ދެއްވި ފުރުސަތުގައި އަލީ ވަހީދުގެ ވާހަކަ ފެއްޓުމާއެކު ކޯރަމް ގެއްލުމުންނާއި މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާގޮތާމެދު ހިތްހަމަ ޖެހިވަޑިނުގެން، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ވިލި މާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ނިޒާމީ މައްސަލަ ނެންގެވުމުންނެވެ.

ނިޒާމީ މައްސަލަ ނަންގަވައި ސަލީމް ވިދާޅުވީ، ބައިގަޑިއިރު ނުވަތަ ފަސް މިނިޓްއިރު ވާހަކަ ދެއްކުމަށްފަހު މައުލޫއުތައް ބަދަލު ނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ވާނުވާނޭގި މެންބަރުންނަށް ވާހަކަ ދައްކާނެ މައުލޫއެއް ނޭނގިދާ ކަމަށެވެ. އެހެންކަމުން އެއްމައުލޫއު ނިންމައި އަނެއް މައުލޫއަށް ދާގޮތަށް މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރުމަކީ މުހިއްމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޯރަމްގެ މައްސަލައިގައި ނިޒާމީ މައްސަލަ ނަންގަވައިގެން ނިހާން ވިދާޅުވީ، ކޯރަކް ހިފެހެއްޓުމަށް ޓަކައި މަޖިލިސް މެންބަރުން ޖަލްސާގައި ތިއްބަވަން ޖެހޭ ކަމަށެވެ.

"އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން މިވަގުތު އެބަތިއްބެވި ވެދާނެ އެ ޕާޓީގެ މެންބަރަކު ރިޕޯޓް ހުށަހަޅުއްވާތީ ކަމަށްވެސް. ނަމަވެސް ވަކި ޕާޓީއަކުން އެއްޗެއް ހުށަހެޅިއޭ ކިޔާފައި އެކަން ހުއްޓަވާލައްވަންވީ މިއަދުގެ ހަތަރު ފަހަރަށް ކޯރަމް މި ގެއްލެނީ. މި ސަކަރާތް ހުއްޓަވާލައްވަންވީ. އަދިވެސް ވިހިހާސް ރުފިޔާ އާއި އިތުރަށް ލާރިއާއި ގޯތިގެދޮރާ ކާރާ ސާމާނު ހޯދާ ވާހަކަ މެންބަރުން ދައްކަންވީ. ރައްޔިތުންގެ ހައްގުގައި ބާއްވަންޖެހޭ މަޖިލިސް ހަމަ ކޮންމެ ދުވަހަކު މިސަކަރާތެއް މި ޖަހަނީ. އެންމެން ތެދުވެގެން ނަމަވެސް އެކަމަށް ގޮތެއް ހޯދަންޖެހޭ. މިހާރު ރައްޔިތުން މިތަނަށް އަންނަ ހިސާބަށް ކަންތައް ހިނގައްޖެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރަށް ކޯރަމް ކުޑަކޮށްގެން ނަމަވެސް އެކަން ކުރަންޖެހޭ ކަމަށެވެ. އަދި ކޯރަމްގެ މައްސަލައިގައި މީޑިޔާތަކުން މެންބަރުންނަށާ ބަވަނީ ބަވަން ޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.