21 Apr 2019, 10:31
ބަތަލާ ކަންގަނާ ރަނައުތު އަދި އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް އަކީ އަބަދުވެސް ބޮލީވުޑްގެ ކޮންމެވެސް މީހަކާ މައްސަލައެއް ޖެހިގެން އުޅޭ ދެބެއިންނެވެ.
ފާއިތުވި މަހެއްހާ ދުވަހު ދެބެއިން އަވަދިނެތި އުޅުނީ ޒުވާން އެކްޓަރު އާލިއާ ބަޓް އަށް ފާޑުކިޔުމުގަ އެވެ. އެ މައްސަލަ ގަނޑުގެ ތެރެއަށް އެންމެ ފަހުން އާލިއާގެ މައިންބަފައިންނާއި، އެކްޓަރު ރަންދީޕް ހޫޑާ އަދި އަޖޭ ދޭވްގަން ވެސް ވަނީ ވައްދައިފައެވެ.
އެންމެ ފަހުން އިއްޔެ، އެ ދެބެއިންގެ ރާޑަރަށް އިތުރު ފަންނާނަކު މިވަނީ އަރައިފައެވެ. މިފަހަރު ރަންގޯލީގެ ހަމަލާތައް އަމާޒުވެފައި މިވަނީ ކާމިޔާބު އެކްޓަރު ދީޕިކާ ޕަދުކޯން އަށެވެ.
ދީޕިކާއަށް ރަންގޯލީ ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ދޭން ފެށީ، ކަންގަނާގެ ކުރިއަށް އޮތް ފިލްމު 'މެންޓަލް ހޭ ކިޔާ' ގެ ނަމާ ގުޅޭގޮތުން ދީޕިކާގެ 'ލިވް، ލަވް، ލާފް' ފައުންޑޭޝަނުން ސުވާލު ކުރުމުންނެވެ.
ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އެހީވުމަށް ދީޕިކާ އުފެއްދި އެ ފައުންޑޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ނަފްސާނީ ބަލިތަކަކީ އަދިވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބައްޔެއް ނޫނެވެ.
އެހެންކަމުން އެފަދަ ނަމެއް ފިލްމަށް ދިނުމަކީ، ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އެ ފައުންޑޭޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފިލްމަށް އެ ނަން ދިނުމުގެ ފަހަތުގައިވާ މަގްސަދު އޮޅުންފިލުވައި ދިނުމަށް އެ ޓުވީޓުގައި އެދިފައިވެ އެވެ.
'ލިވް، ލަވް، ލާފް' ފައުންޑޭޝަންގެ ޓުވީޓަށް ރައްދު ދީ ރަންގޯލީ ކުރި ޓުވީޓުތަކެއްގައި ބުނެފައި ވަނީ ކަންގަނާ އަކީ ފިލްމީ ދާއިރާގައި ހުރި އެންމެ ޒިންމާދާރު އެކްޓަރު ކަމަށާއި، ކަންގަނާ އަކީ ބޮލީވުޑްގައި އަންހެނުން ބާރުވެރި ކުރުވުމަށް އެންމެ ގިނަ މަސައްކަތް ކުރާ އެކްޓަރު ކަމަށެވެ.
'މެންޓަލް ހޭ ކިޔާ' އަކީ ތުރިލާ އެއް ކަމަށާއި، ނަމަވެސް ފިލްމުގެ ވާހަކަ އާއި ޕްލޮޓް އަދި އެކްޓަރުން އަދާކުރާނެ ކެރެކްޓަރުތައް ހާމަކުރެވެން ނެތްކަމަށް ރަންގޯލީ ވަނީ ބުނެފަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރަން ބޭނުންވާ ހުރިހާ ހުއްދަ އަކާއި ސެޓްފިކެޓް ތަކެއް ހޯދާނެ ކަމުގެ ޔަގީންކަން ރަންގޯލީ ވަނީ ދީފަ އެވެ. "ފިލްމު ބެލުމަށްފަހު ތި ފައުންޑޭޝަންގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ދީޕިކާގެ ބަދަލުގައި ކަންގަނާ ހަމަޖައްސާނެ،" ރަންގޯލީ ބުނެފައިވެ އެވެ.
ދީޕިކާ އަކީ 'ލިވް، ލަވް، ލާފް' ފައުންޑޭޝަންގެ ބްރޭންޑް އެމްބެސެޑަރެއް ނޫނެވެ. ދީޕިކާ އަކީ އެ ފައުންޑޭޝަންގެ ފައުންޑާ އެވެ. 'މެންޓަލް ހޭ ކިޔާ'ގެ ނަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރީ ހަމައެކަނި ދީޕިކާގެ ފައުންޑޭޝަނަކުން ނޫނެވެ.
ހުކުރު ދުވަހު އިންޑިއާގެ ސައިކެޓްރީ ސޮސައިޓީ އިން ވެސް އެ ނަމާ ދެކޮޅު ކަމަށް ބުނެ ފިލްމުގެ ނަން ބަދަލު ކުރުމަށް އަންގައިފަ އެވެ. އެ ސޮސައިޓީ އިން ސެންސަރު ބޯޑަށް ލިޔުނު ސިޓީއެއްގައި ބުނެފައި ވަނީ އެ ނަމަކީ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް މަލާމާތް ރައްދުވާ ނަމެއް ކަމަށެވެ.
އެހެންކަމުން މިހާރުން މިހާރަށް ފިލްމުގެ ނަން ބަދަލު ކުރުމަށް އަމުރު ކުރުމަށާއި، ފިލްމުގައި ހުރި އެފަދަ އެއްވެސް މަންޒަރެއް ވެސް ސެންސަރު ކުރުމަށް އެ ސިޓީގައި ވެއެވެ. ކަންގަނާގެ ފަރާތުން ވާހަކަ ދައްކަމުން ރަންގޯލީ ބުނީ ފިލްމުގެ ސަބަބުން ނަފްސާނީ ބަލިތަކާ ދެތެރޭ މީހުން ދެކޭ ގޮތް ބަދަލުވެގެން ދާނެ ކަމަށެވެ.
ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓު ކުރާ އެ ފިލްމުގައި ކަންގަނާ އާއެކު ދެން ފެނިގެން ދާނީ ރަޖްކުމާރު ރާއޯ އަދި ޖިމީ ޝާރްގިލް އެވެ. ކަނިކާ ދިލޯން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރާނީ ޖޫން 21 ގައެވެ.