21 Apr 2019, 09:44
ކޮޅުނބު (އޭޕްރިލް 21): ސްރީ ލަންކާގެ ދެ ފައްޅިއަކަށާއި ދެ ހޮޓަލަށް ބޮމުގެ ހަމަލާތަކެއްދީ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އެހާދިސާތައް ހިނގާފައި ވަނީ ކޮއްޗިކަޑަގައި ހުންނަ ސެއިންޓް އެންތަނީސް ޗާޗްގަ އާއި ކަޓުވައްޕިޓިޔަގައި ހުންނަ ސެއިންޓް ސަބޭސްޓިންސް ޗާޗްގައި ކަމަށް ފުލުހުންނާ ހަވާލާދީ ޑެއިލީ މިރާގައިވެ އެވެ. އަދި ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލާއި ކިންގްސްބަރީ ހޮޓަލުގައިވެސް އެއްޗެހިތަކެއް ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މީގެ އިތުރުން ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބަޓިއްކޮލާގައި ހުންނަ ފައްޅިއަކަށާއި ކޮލަމްބޯގެ ސިނަމަން ހޮޓެލުގައިވެސް ވަނީ ހަމަލާއެއް ދީފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
ރޮއިޓާސްގައިވާ ގޮތުން އެހަމަލާތަކުގައި މިހާތަނަށް 20 މީހުން މަރުވެ، 160 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެހާދިސާ މޮނިޓާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.