މި އަހަރުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ އަށް ނިސްބަތްވާ ދެ ކުލަބަށް ލިބުނު ފުރަތަމަ ކާމިޔާބީ ރޭ ކުޅުނު މެޗުތަކުން ހޯދައިފި އެވެ. ސާޖިއޯ އަގުއެރޯ، އިތުރު ވަގުތުގެ ލަނޑުން މެންޗެސްޓާ ސިޓީ އަށް ވިލަރެއާލް އަތުން ކާމިޔާބީ އެއް ލިބުނު އިރު، ވޭން ރޫނީގެ ދެ ޕެނަލްޓީއާއެކު މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ މޮޅެއް ލިބިގެންފަ އެވެ. އިންޓަމިލާނަށް ހަނި ގޮތަކަށް މޮޅުވިއިރު، ރެއާލް މެޑްރިޑް ވަނީ ފަސޭހަކަމާއެކު ލިޔޯންގެ މައްޗަށް ކާމިޔާބީ ހޯދާފައެވެ.

ގްރޫޕް އޭގައި ވިލަރެއާލް ގެ މައްޗަށް މެންޗެސްޓާ ސިޓީއަށް ކާމިޔާބީ ލިބިގެންދިޔައީ ބަދަލު ކުޅުންތެރިޔާ އަގުއެރޯ އެޓީމަށް އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ވިލަރެއާލް ގެ ކަނީ ވަނީ އެޓީމަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ވިލަރެއާލްގެ ކާލޮސް މާޗޭނާ އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ފުރަތަމަ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރި މަންޒަރެވެ. އެގޮތުން ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް އުފައްދާފައި ވެއެވެ. މެންސިޓީ އަށް ލީޑު ހޯދައިދީ ފުރަތަމަ ކާމިޔާބީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގައި ޔަގީން ކޮށްދިނީ އަގުއެރޯ މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.

މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ނަޕޯލީ އިން ވަނީ ބެޔާން މިއުނިކު ވެސް ހިފަހައްޓާފައެވެ. މިމެޗުގައި ވެސް ބެޔާން މިއުނިކް ގެ ފަރާތުން ބައިކޮޅަށް ލަނޑެއް ވަދެފައިވެއެވެ. މެޗުގެ ދެވަނަ މިނެޓުގައި ޓޯނީ ކްރޫސް ބެޔާން އަށް ލީޑު ހޯދައިދީފައި ވަނިކޮށް، ނަޕޯލީ އަށް ބެޔާން ހިފެހެއްޓުމުގެ އިތުރު ހިތްވަރެއް އާވެގެންދިޔައީ ބެޔާންގެ ހޮލްގާ ބަޑްސްޓޫބާ އަތުން ބައިކޮޅަށް ވަތް ލަނޑުގެ ސަބަބުން ނެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ހަތް ޕޮއިންޓާއެކު އެއްވަނާގައި ބެޔާން އުޅޭއިރު، ފަސް ޕޮއިންޓާއެކު ދެވަނާގައި އޮތީ ނަޕޯލީ އެވެ. ތިންވަނާގައި ހަތަރު ޕޮއިންޓާއެކު މެންސިޓީ އޮތްއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތީ ވިލަރެއާލް އެވެ.

ލިލޭ ދަނޑުގައި އިންޓަމިލާން ކުޅުނު މެޗުގައި ޖިއަމްޕައޮލޯ ޕަޒިނީ ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑާއެކު ހަނިގޮތަކަށް އެޓީމަށް ކާމިޔާބު ލިބިފައި ވެއެވެ. ލިލޭ ކޮޅަށް ޕަޒިނީ ކާމިޔާބު ކުރި ލަނޑަކީ މެޗުގެ 21 ވަނަ މިނެޓުގައި ޖެހި ލަނޑެކެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން އިންޓަމިލާން ކުރީގައި އޮވެގެންނެވެ.

މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޓްރަބްޒަންސްޕޯ އަތުން ސީއެސްކޭއޭ މޮސްކޯ ވަނީ ފަސޭހަ ކަމާއެކު މޮޅުވެފައެވެ. މޮސްކޯ ގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ސޭޑޫ ޑުމްބިއާ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެލެކްސްޑާސް ކައުނާ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން މޮސްކޯ ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އިންޓަމިލާނު އޮތްއިރު، ހަތަރު ޕޮއިންޓާއެކު ދެވަނާގައި އޮތީ މޮސްކޯ އެވެ. ތިންވަނާގައި ޓްރަބްޒަންސްޕޯ އޮތްއިރު، ފުލުގައި އޮތީ ލިލޭ އެވެ.

ގްރޫޕް ސީގައި އޮޓެލުލް ގަލާޓީ ކޮޅަށް ރޫނީ ކާމިޔާބުކުރ ދެ ޕެނަލްޓީއާއެކު މެންޗެސްޓާ ޔުނައިޓެޑް އަށް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މޮޅު ލިބިފައެވެ. ދެ ރަތް ކާޑު ފެނިގެންދިޔަ މިމެޗުގައި ރޫނީ ކާމިޔާބު ކޮށްދިން ދެ ޕެނަލްޓީ ޖެހީ މެޗުގެ 64 އަދި އެންމެ ފަހު މިނެޓުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި މެންޔުނައިޓެޑްގެ ކެޕްޓަން ވިޑިޗް ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑު ދެއްކިއިރު، މެޗުގެ ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޮޓެލުލް ގަލާޓީ ގެ މިލާން ޕެރެންޑިޖާ އަށް ރަތް ކާޑެއް ދައްކާފައި ވެއެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިގްރޫޕްގެ އަނެއް މެޗުގައި އެފްސީ ބާސެލް އަތުން ބެންފީކާ މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގެ ވިހި ވަނަ މިނެޓުގައި ބްރޫނޯ ސީސާ ބެންފީކާ އަށް ލީޑު ހޯދައިދިން އިރު، 75 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްދިނީ އޮސްކާ ކާޑޯޒޯ އެވެ. މިގްރޫޕުގެ އެއްވަނާގައި ހަތް ޕޮއިންޓާއެކު ބެންފީކާ އޮތްއިރު، ފަސް ޕޮއިންޓާއެކު ދެވަނާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑް އެވެ. ހަތަރު ޕޮއިންޓާއެކު އެފްސީ ބާސެލް ތިންވަނާގައި އޮތްއިރު، ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތީ ގަލާޓީ އެވެ.

ގްރޫޕް ޑީގައި ރެއާލް މެޑްރިޑް ވަނީ ލިޔޯން އަތުން ފަސޭހަ ކަމާއެކު މޮޅު ވެފައެވެ. ކަރިމް ބެންޒެމާ ރެއާލް އަށް ލީޑު ހޯދައިދިނީ މެޗުގެ ނަވާރަ ވަނަ މިނެޓުގަ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ދެމިނެޓް ހިނގިފަހުން ސާމީ ކެޑީރާ ކާމިޔާބު ކޮށްދިން އިރު، ތިން ވަނަ ލަނޑަކީ ލިޔޯން ގެ ކީޕަރު ހޫގޯ ލޮރިސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފަހު ލަނޑު އަދި ރެއާލްގެ ހަތަރު ވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ ރަމޯސް އެވެ. މިމެޗު ނިމިގެންދިޔައީ 4-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މިގްރޫޕުގެ އަނެއް މެޗު އަޔެކްސް އެމްސްޓަޑަމް ގެންދިޔައީ ޑައިނަމޯ ޒަގްރެބް އާއި ވާދަކޮށެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޑާކް ބޯރިގްޓާ އަޔެކްސް އަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ ފަހު މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން އަޔެކްސް ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ނުވަޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ހަތަރު ޕޮއިންޓާއެކު ދެވަނާގައި އޮތީ އަޔެކްސް އެވެ. ތިންވަނާގައި ލިޔޯން އޮތްއިރު، ގްރޫޕުގެ ފުލުގައި އޮތީ ޑައިނަމޯ ޒަގްރެބް އެވެ.