10 Jun 2010, 09:37
14:30
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އިރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމަށް އދ. އިން ނިންމައިފި އެވެ.
އދ ސަލާމަތާ ބެހޭ ކައުންސިލްގައި ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އިރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވޯޓް ދީފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި 15 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި އެވޯޓްގައި އިރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތާއީދުކޮށްފައި ނުވަނީ ބްރެޒިލާއި ތުރުކީންނެވެ.
އދ ސަލާމަތާ ބެހޭ ކައުންސިލްގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ މިއީ މިވީހާތަނަށް އިރާނާމެދު ދަތިކުރުމުގެ ގޮތުން އެޅިގެންދާނެ އެންމެ ހަރުކަށި ފިޔަވަޅު ކަމުގައި ވެގެންދާނެ ކަމަށެވެ. އަދި އިރާނާނަށް ހަކަތަ އުފެއްދުމުގެ ހައްޤުލިބިގެންވާ ކަމަށާއި ނަމަވެސް އެހައްޤުތަކާ އެކު އިރާނުގެ މައްޗަށް ޒިންމާތަކެއް ވެސް އަންނަ ކަމަށްވެސް ރައީސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ. އަދި އިރާނުގެ ސަރުކާރުން އެ ޒިންމާތައް އަދާކުރުމުގައި ފޭލްވެފައިވާ ކަމަށްވެސް ރައީސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.
އިރާނާމެދު އެޅުމަށް ހަމަޖެއްސި މިފިޔަވަޅަކީ ބައިނަލްއަގުވާމީ މުޖުތަމައުތަކަށް އިރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ނުރައްކަލުން ސަލާމަތްވެ، އެ ޕްރޮގްރާމް ހުއްޓުވުމަކަށް ގެނައުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝުޒާން ރައިސް ވިދާޅުވި އެވެ.
ހަ ފަރާތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަމުގައި ވީނަމަވެސް އެކަމުގެ އަސަރު އިރާނަށް ނުކުރާނެ ކަމަށް އިރާނުގެ ރައީސް އަހްމަދީނިޖާދު ވިދާޅުވި އެވެ.
އިރާނާމެދު އަލަށް އެޅުމަށް ހަމަޖައްސާފައިވާ ދަތިކުރުމުގެ އާ ފިޔަވަޅުގެ ދަށުން އިރާނުން އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކުން ދެކެމުން އަންނަ މިސައިލްތައް އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީ އެޤައުމަށް އިމްޕޯޓްކުރުން ހުއްޓުވާނެ އެވެ.