20 Apr 2019, 22:14
ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ދުވަސްވީ ދުވުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ މަރިޔަމް ވަހީދާ (މަރީ) އިއްޔެ އޮތް ޓީއެފްޖީ ލޯންގް ރަންގެ ފުލް މެރަތަން ދުވެފި އެވެ.
އުމުރުން 67 އަހަރުގެ މަރީ ފިޔަވައި އެ އުމުރުގައި އެހެން މީހަކު މީގެ ކުރިން ފުލްމެރަތަންއެއް ރާއްޖޭގައި ދުވިކަމުގެ އެއްވެސް ރެކޯޑެއް ނެތް އިރު އޭނާ ދެއްކެވި ހިއްވަރަށާއި ނަމޫނާއަށް ގިނަބަޔަކު ދަނީ ތައުރީފްކޮށް، މަރުހަބާ ކިޔަމުންނެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ދުވުންތެރިޔާ، މަރިޔަމް ވަހީދާ ޓީއެފްޖީ ލޯންގް ރަންގައި ދުވަނީ --- ފޮޓޯ/ ވިމެން އިން މެނޭޖްމެންޓް ފޭސްބުކް
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދޭއް ޖެހިއިރު ހުޅުމާލޭގައި ފެށި މިރޭހުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެ ރޭހުގައި އެތައް ޒުވާނުންނާއި ކުޑަކުދިން ވެސްް ދުވެފައިވާ އިރު ރޭހުން އެންމެ ފާހަގަ ކޮށްލެވުނީ އުމުރުން ދުވަސްވެފައިވާ މަރީ ދެއްކި ހިއްވަރެވެ.
މަރީއަށް އެ ރޭސް ނިންމުނީ ގާތްގަނޑަކަށް ހަތް ގަޑިއިރުގެ ތެރޭގައި، ހެނދުނު ނުވައެއް ޖެހި ފަހުންނެވެ. ފުރަތަމަ ފަހަރަށް ފުލް މެރަތަންއެއްގައި ދުވި މަރީގެ އަމާޒެއްގެ ގޮތުގައި ކުރިން ފަސް ގަޑިއިރު ކަނޑައެޅި ނަމަވެސް އެ ވަގުތުގެ ތެރޭގައި ރޭސް ނުނިންމުނީ އަކުނިވަޔަށް ދަމަން ފެށުމުން ކަމަށް އޭނާ ބުންޏެވެ.
މަރީ ވަނީ މީގެ ކުރިން ހާފް 10 ކިލޯ މީޓަރުގެ ހާފް މެރަތަންގެ ރޭސްތަކުގައި ދުވެފަ އެވެ. އެގޮތުން އޭނާ ވަނީ މެލޭޝިއާ އާއި ތައިލެންޑްގައި އޮތް ބައެއް ރޭސްތަކުގައި ވެސް މީގެ ކުރިން ބައިވެރިވެފަ އެވެ.
މީގެ ދެތިން އަހަރު ކުރިން ދުވަން ފެށި މަރީ ދުވުމަށް ޝައުގުވެރިކަން އުފެދުނީ ޓީއެފްޖީގައި ކަސްރަތު ކުރެއްވުމުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ. މަރީ އަކީ ކުރިން ސަރުކާރުގެ މަތީ އެތައް މަގާމެއް ފުރުމުގެ އިތުރުން ލިޔުންތެރިކަމާއި ޓީވީ ޕްރްގަރާމް ވެސް ހުށައަޅާދީފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ކުރިން އަމީނިޔާ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
މަރީގެ ދިގު ރޭސް ނިންމުމުން އެންމެ ފުރަތަމައިން މަރުހަބާ ކިޔާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. ފަރްޒާނާ އެވަގުތު ކޮޅު ސިފަކުރައްވަނީ "ވަރަށް އަސަރުގަދަ" ވަގުތު ކޮޅެއްގެ ގޮތުގަ އެވެ.