ހދ. މަކުނުދޫގެ ކުރީގެ ކައުންސިލަރާއި ބޮޑު ކަތީބު އަދި ކުޑަ ކަތީބުގެ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށައެޅި މައްސަލައަކާ ގުޅިގެން ބެލި ބެލުމުން ސަރުކާރުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް މަކުނުދޫ ބޮޑުތަކުރުފާނު މަގަށް އިތުރުކުރި ބައި ކޮށައި ސާފުކުރުމުގެ މަސައްކަތަށް ބޮޑު ކަތީބު މުހައްމަދު އަހުމަދުގެ މަސްލަހަތު އޮންނަ ކުންފުންޔަކުން ހުށައެޅި އެސްޓިމޭޓް ބަލައިގެންފައިވާކަން އެނގޭ ކަމަށެވެ.

އަދި އެއީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.01ގެ ( ކ) އާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ގޮތުން އެ މުވައްޒަފަކު އަދާކުރާ މަސައްކަތް ފިޔަވައި އޮފީހުގެ އެހެން މަސައްކަތެއް ކުރުވިޔަސް އެ މަސައްކަތަކީ ބޭރު މީހަކު ލައްވައި އަގަށް ކުރުވި މަސައްކަތެއްގެ ގޮތުގައި އަގެއް ދީގެން ނުވާނެ ކަމަށް އެގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހދ. މަކުނުދޫގެ ކުރީގެ ބޮޑުކަތީބު އެ ރަށު ރޯމިއޯ މުހައްމަދު އަހުމަދާއި ކުޑަކަތީބު އެ ރަށު ފެހިވިލާ އިބުރާހީމް ޝަރީފާއި އެ ރަށު ކުރީގެ ކައުންސިލަރު ގުލްބަކާގޭ އަބުދުﷲ ހަމީދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރާ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށް އެދި 10 އޮކްޓޯބަރުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.