ދިއްލީ (އޭޕްރިލް 20): އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޮއި އެގައުމުގެ ސުޕްރީމް ކޯޓުގެ ކުރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށްފި އެވެ.

އިންޑިއާގެ 35 އަހަރުގެ އަންހެނަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއެއްގައިވާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ގޮގޮއި އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރި ފަހުން އޭނާ ވަނީ ދެ ފަހަރަކު ޖިންސީ ފުރައްސާރަކޮށްފަ އެވެ. އަދި އެ ދެ ހާދިސާ ހިނގީ ފަނޑިޔާރުގެ ގޭގައި ހުންނަ އޭނާގެ އޮފީހުގަ އެވެ.

އެބަޔާނުގައިވާ ގޮތުން އަންހެން މީހާއަށް ފުރައްސާރަ ކުރުމަށް ފަހު ގޮގޮއި ވަނީ އެކަން ހާމަ ނުކުރުމަށާއި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފި ނަމަ އަންހެން މީހާގެ އާއިލާއަށް އުނދަގޫވާނެ ކަމަށް ބުނެފަ އެވެ. އަދި ޖޫނިއާ ކޯޓް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެއަންހެންމީހާ އޭގެ ފަހުން ތިން ފަހަރަކު ޓްރާންސްފާ ކުރުމަށް ފަހު ޑިސެމްބަރު މަހު މަގާމުން ވަކި ކުރި ކަމަށް އެބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެހާދިސާއަށް ފަހު އެއަންހެން މީހާގެ ފިރިމީހާ އާއި އާއިލާގެ މެމްބަރަކު ވަޒީފާ އިން ސަސްޕެންޑު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާގެ ފިރިމީހާއަކީ ފުލުހެކެވެ. އެއަންމީހާ ވަނީ އެ މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް ސުޕްރީމް ކޯޓުން އެކުލަވާލުމަށް ގޮވާލާފަ އެވެ.

ފަނޑިޔާރު ގޮގޮއި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެއީ އޭނާ މުހިއްމު މައްސަލަތައް ބެލުން ހުއްޓުވުމަށް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ގޮގޮއި ވަނީ އެއަންހެންމީހާއާ ދެކޮޅަށް މީގެ ކުރިން މީހަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން މިދިޔަ މަހު މީހަކު ވަނީ އެއަންހެން މީހާ ރިޝްވަތު ނެގި ކަމަށް ބުނެ ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފަ އެވެ. ނަމަވެސް އެއަންހެން މީހާ ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.