20 Apr 2019, 16:57
އިންޑިއާގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަވެރި އާއްމު އިންތިހާބުގައި މިނިވަން ކެނޑިޑޭޓުންނަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް މި އަހަރުގެ އިންތިހާބުގައި ވާދަ ކުރާ އޮމްކަރު ޚަންދެކަރަކީ އެފަދަ ނާކާމިޔާބީއަކުން ފަސް ޖެހޭ ފަރާތެއް ނޫނެވެ.
މަހާރަޝްތުރާގެ ޕޫނޭއަށް ނިސްބަތްވާ 73 އަހަރުގެ ޚަންދެކަރު އަކީ މީގެ ކުރިން އެކި ފެންވަރުގެ 24 އިންތިހާބުގައި ވާދަކޮށް، އެހުރިހާ އިންތިހާބަކުން ވެސް ނާކާމިޔާބުވެފައިވާ މީހެކެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އިންތިހާބުގައި ވާދަ ކުރަނީ ޑިމޮކްރަސީއަކީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްޗެއް ނޫންކަން ރައްޔިތުންނަށް އަންގައި ދިނުމަށެވެ. އަދި ކޮރަޕްޝަން ނައްތާލެވޭނެ ހަމައެކަނި ގޮތަކީ މިނިވަން ކެނޑިޑޭޓުން އިންތިހާބު ކުރުން ކަމަށްވާތީ އެވެ.
"ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި އޮތް ހަމައެކަނި އެއްޗަކީ ޕާޓީ ސިޔާސަތެއް ނޫންކަން ދައްކަން އަހަރެން ބޭނުން. އަހަރެން ބޭނުންވަނީ، އަހަރެން ފަދަ މިނިވަން ކެނޑިޑޭޓުން މިގައުމަށް ގެނައުން. ކޮރަޕްޝަން ނައްތާލެވޭނެ ހަމައެކަނި ގޮތަކީ އެއީ،" ޚަންދެކަރު ބުންޏެވެ.
ޚަންދެކަރު ވާދަ ކުރާ ގޮނޑީގެ ވޯޓުލުން އޮންނާނީ އަންނަ އަންގާރައިގަ އެވެ. އޭނާ އުއްމީދު ކުރަނީ އިންޑިއާގެ ޕާލިމެންޓުންގެ ތިރީގޭގެ މެމްބަރުކަން ހޯދުމަށް ފަހު، ގައުމުގެ ބޮޑުވަޒީރު ކަން ވެސް ކުރާށެވެ.

އިންޑިއާގެ އާއްމު އިންތިހާބުގައި ވާދަ ކުރާ އޮމްކަރު ޚަންދެކަރު އޭނާގެ ކެމްޕެއިން ޕޯސްޓަރެއް ހިފައިގެން -- ފޮޓޯ: ބީބީސީ
އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 23ގަ އެވެ. އަދި ބޮޑުވަޒީރަކު ހޮވާނީ ޕާލިމެންޓުގެ މެޖޯރިޓީ ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކުންނެވެ.
ޚަންދެކަރު ބުނި ގޮތުގައި އޭނާއަށް ބޮޑުވަޒީރުކަން ލިބިއްޖެ ނަމަ ގައުމުގެ ކޮންމެ ރައްޔިތަކަށް 17،000 ރުޕީސް (245 ޑޮލަރު) ދޭނެ އެވެ. އަދި ސަރުކާރުން ކުރާ އެހެން ހަރަދުތައް ކުޑަކޮށްފި ނަމަ އެއީ ކުރެވިދާނެ ކަމެކެވެ.
މީގެ ކުރިން ޚަންދެކަރު ވަނީ މަހާރަޝްތުރާގެ ސްޓޭޓް އިލެކްޓްރިސިޓީ ބޯޑުގެ މެމްބަރުކަންކޮށްފަ އެވެ. އޭނާ މިހާރު ދިރިއުޅެމުން ދަނީ ކޮންމެ މަހަކު ޕެންޝަން ފައިސާގެ ގޮތުގައި ލިބޭ 1،921 ރުޕީސް (28 ޑޮލަރު)ގެ އެހީގަ އެވެ. އަދި މީގެ ކުރިން ވާދަ ކުރި އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ޚަންދެކަރު ވަނީ އޭނާގެ ބިމާއި ގެ ވިއްކާލައިފަ އެވެ.
އިންޑިއާގެ އާއްމު އިންތިހާބުގައި ކޮންމެ ޕާޓީއެއް ނުވަތަ ކެނޑިޑޭޓެއް ރަމްޒުކޮށްދޭ އެއްޗެއްގެ ފޮޓޯ ވޯޓިން މެޝިނުން ފެންނާނެ އެވެ. އެގޮތުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީީޖޭޕީ)އަށް ލޮޓަސް އެއް އަދި އިދިކޮޅު ކޮންގްރެސް ޕާޓީއަށް އަތެއް ދައްކާފައި ހުންނާނެ އެވެ. އަދި ޚަންދެކަރު ރަމްޒުކޮށްދެނީ ބޫޓަކުންނެވެ.
އެއިންތިހާބުގައި ވޯޓު މެޝިނުން އެންމެ ފުރަތަމަ ދައްކާނީ ގައުމީ ޕާޓީތަކާއި ސަރަހައްދީ ޕާޓީތަކުން ވާދަ ކުރާ ކެނޑިޑޭޓުންނެވެ. އަދި ލިސްޓުގެ އެންމެ ފަހަތުގައި ތިބޭނީ މިނިވަން ކެނޑިޑޭޓުންނެވެ.
"އަހަރެން ބުނަނީ އަބަދުވެސް އެންމެ ފަހު ކެނޑިޑޭޓަށް ވޯޓު ދިނުމަށް. އާއްމު ގޮތެއްގައި އެވާނީ މިނިވަން ކެނޑިޑޭޓަކަށް،" ޚަންދެކަރު ބުންޏެވެ.

އިންޑިއާގެ އިލެކްޓްރޯނިކް ވޯޓިން މެޝިނުން އެންމެ ފުރަތަމަ ދައްކާނީ ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުން، މިނިވަން ކެނޑިޑޭޓުންގެ ނަން ހިމަނާފައި ވަނީ އެންމެ ފަހުން -- ފޮޓޯ: ގެޓީ
އިންޑިއާގެ ފުރަތަމަ އިންތިހާބު 1952ގައި ބޭއްވި ފަހުން އެގައުމުގެ ޕާލިމެންޓަށް 44،962 މިނިވަން ކެނޑިޑޭޓުން ވާދަކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ޕާލިމެންޓުގެ ގޮނޑި ކާމިޔާބު ކުރެވުނީ އެންމެ 222 ކެނޑިޑޭޓުންނަށެވެ. އަދި 2014 ވަނަ އަހަރުގެ އާއްމު އިންތިހާބުގައި 3،000 މިނިވަން ކެނޑިޑޭޓުން ވާދަ ކުރި ނަމަވެސް، ޕާލިމެންޓަށް ހޮވުނީ އެންމެ ތިން ކެނޑިޑޭޓުންނެވެ.
އިންޑިއާގައި މިނިވަން ކެނޑިޑޭޓުންނަށް ފުރުސަތު ކުޑަވާ ސަބަބުތަކުގެ ތެރޭގައި ބޮޑެތި ޕާޓީތަކަށް ލިބޭ ފައިސާ އާއި ވަސީލަތްތައް އިތުރުވުން ހިމެނެ އެވެ. އެގައުމުގައި ރެޖިސްޓާކޮށްފައިވާ ޕާޓީތަކުގެ އަދަދު 2،293 އަށް އަރާ އިރު އޭގެ ތެރޭގައި ގައުމީ ހަތް ޕާޓީ އާއި 59 ސަރަހައްދީ ޕާޓީ ހިމެނެ އެވެ.
ޚަންދެކަރު ވަނީ އޭނާއަށް މިއިންތިހާބު ވެސް ކާމިޔާބު ކުރެވުމުގެ ފުރުސަތު ކުޑަކަން ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލާނެ ކަމަށާއި އެއީ ބޮޑެތި ޕާޓީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެފަ އެވެ.
"[ފުރުސަތު ކުޑަ ނަމަވެސް] އަހަރެން ބޭނުން ކާމިޔާބުވޭތޯ މަސައްކަތް ކުރަން. އަހަރެންގެ އުމުރުގެ ގޮތުން މިއީ އެންމެ ފަހު އިންތިހާބަށް ވެދާނެ. ނަމަވެސް މިފަހަރު ފަހަރެއްގައި ނަތީޖާ ތަފާތު ވެދާނެ." ޚަންދެކަރު ބުންޏެވެ.