20 Apr 2019, 11:59
މޮންރޯވިއާ (އޭޕްރިލް 20): ލައިބީރިއާގެ ރައީސް ޖޯޖް ވިއާގެ އޮފީހުން ހަރުފަ ފެނި، ރައީސްގެ ގެކޮޅުން މަސައްކަތް ކުރައްވަން ޖެހިއްޖެ އެވެ.
ރައީސްގެ ތަރުޖަމާނު ސްމިތު ޓޯބީ ވިދާޅުވި ގޮތުގައި ރައީސްގެ އޮފީސް ހުންނަ ފޮރިން އެފެއާސް މިނިސްޓްރީގެ އިމާރާތުން ބުދަ ދުވަހު ވަނި ދެ ހަރުފަ ފެނިފަ އެވެ. އޭގެ ސަބަބުން އެ އިމާރާތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވަނީ ހޯމަ ދުވަހާ ޖެހެންދެން އޮފީހަށް ނުދިޔުމަށް އަންގައިފަ އެވެ.
ލައިބީރިއާގެ ފޮރިން އެފެއާސް މިނިސްޓްރީގައި ރައީސް އޮފީސް ހުންނަނީ 2006 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ރައީސްގެ ރަސްމީ އޮފީސް ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ.
ތަރުޖަމާނު ޓޯބީ ވިދާޅުވި ގޮތުން އެއިމާރާތުން ހަރުފަ ނައްތާލުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ. އަދި ހަރުފަ ނުހޯދުނު ނަމަވެސް އަންނަ ހޯމަ ދުވަހު ރައީސް އޮފީހަށް ވަޑައިގަންނަވާނެ އެވެ.