20 Apr 2019, 00:25
ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" މިއަދު ފަށައިފިއެވެ.
ދިރާގުން ބުނީ މި ވޯކްޝޮޕް ކުރިއަށް ދާނީ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
"ލީން ސްޓާޓްއަޕް މެޝިން" އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަހައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ތިން ދުވަހުގެ ވަރކްޝޮޕެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ލީން ސްޓާޓަޕް މެޝިން ޕްރޮގްރާމެވެ. އައު އީޖާދެއް ނުވަތަ އައު ޚިޔާލެއް ތަރައްޤީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެގޮތަށް ލީން މެތެޑޮލޮޖީ މެދުވެރިކޮށް ކަސްޓަމަރ ވެލިޑޭޝަން، ޕްރޮޑަކްޓް އަދި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް މި ވޯކްޝޮޕް ތެރޭގައި ކިޔަވައިދެވޭނެއެވެ.
މި ވޯކްޝޮޕްގެ މުހިންމު ކަމަކީ ބައިވެރިންނަށް އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ޚިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ދެނެގަތުމެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަސްކޮށްދިނުމެވެ. އަދި މި ވޯކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ޚިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު، ދިރާގުގެ މެނޭޖްމަންޓް، އަދި ސްޕާކްހަބްގެ ސީއީއޯ ހުސެއިން ޖިނާން އަދި މެނޭޖްމަންޓް ބައިވެރިވެވަޑައިގަތެވެ.
ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށެވެ. މިގޮތުން ލީން ސްޓާޓްއަޕް މެޝިންގެ ރީޖަނަލް ޕާޓްނަރ ކޯޑް އާމީ، މެލޭޝިއާގެ ސީ. އީ. އޯ. ޒަފަރުލްއަޒްހަރު ބިން ނޫރައްދީން އަދި ސީއޯއޯ އަލީޒާ އެލިޒަބަތް އަދި ލީން ޕްރެޓްޓިޝަނަރ ދާނިޝް އާތިފް ހަރަކާތްތެރިވާނެއެވެ.
ދިރާގާއި ސްޕާރކްހަބުން އަންގާ ގޮތުގައި ލީން ސްޓާޓްއަޕް މެޝިން ވެގެންދާނީ އޭގެ ބައިވެރިންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ވަރކްޝޮޕަކަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިތައް މެނޭޖްކުރުމުގައި ވިސްނަންވީ މުހިންމު ކަންކަން ބުނެދޭނެއެވެ. އޭގެ އިތުރުން، އަލަށް ފަށާ ވިޔަފާރިއަކަށް ކަސްޓަމަރުންގެ ބޭނުމަށް ވިޔަފާރި ބައްޓަންކުރާނެ އުކުޅުތައްވެސް ކިޔައިދޭނެއެވެ. އަދި މި ވަރކްޝޮޕްގެ މަގްސަދަކީ ވަރކްޝޮޕްގެ ތެރެއިން ތަމްރީނުވާ ބައިވެރިން އެކި ތަފާތު ވިޔަފާރި އުފެއްދުމަށް ލީން މެތެޑޮލޮޖީ ބޭނުންކޮށް ތަފާތު ޚިޔާލުތަކުގެ ތަފާތު ވިޔަފާރި އުފެއްދުމެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ކަމަށް ވާ "އޭންޖަލް ހެކް" އަދި "ސްޓާޓް އަޕް ގްރައިންޑް އެކްސް" ފަދަ ހަރަކާތްތައް ވަނީ މީގެ ކުރިން ބާއްވާފައިވެއެވެ.