19 Apr 2019, 21:41
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މިއަދު އައްޑޫ ސިޓީ އަދި މަލެ އަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު ދިޔަވަރު އެންމެ ބޮޑުވި ވަގުތު އައްޑޫ ސިޓީ މަރަދޫ، ހުޅުދޫ އަދި މާލެއަށް އުދައަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑި އިރުގައިވެސް ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ މާބޮޑު ކަމެއް ނޫން ކަމަށާއި އިރުވައި މޫސުން ނިންމި ހުޅަނގު މޫސުން ފެށޭ، ދެމޫސުން ބަދަލުވާ އެޕްރީލް މަހުގެ މިދުވަސްކޮޅުގައި އެގޮތަށް ދިމާވުމަކީ އާދައިގެ ކަމެއް ކަމަށެވެ.
އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކާއި މެދު ރާއްޖެތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިި އިރަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭ އިރު، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ އެވެ.