19 Oct 2011, 10:32
ހއ. އިހަވަންދޫގައި އޮޑިދޯނި ފަހަރު ފަސޭހަ އިން އެހެލައި ބޭލުމަށް ސްލިޕްވޭއެއް ހެދުމަށް އެ ރަށު ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު މިއަދު ވިދާޅުވީ ސްލިޕްވޭއެއް އެ ރަށުގައި ހެދުމަށް ބޮޑުތިލަދުންމަތީ ކޯޕަރޭޝަނުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ރަށު ކައުންސިލުންކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ އިހަވަންދުއަކީ އޮޑިދޯނި ފަހަރު ވަރަށް ގިނަ ރަށަކަށްވުމާ އެކު ސަރަހައްދުގައި ވެސް އޮޑި ދޯނިފަހަރު އެހެލާނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެފުރުސަތު ހުޅުވާލީ ކަމަށެވެ.
"މިކަމަކީ މިކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އެމީހެއްގެ ނުވަތަ އެފަރާތެއްގެ އަމިއްލަ ތަކެތީގައި ހެދުމަށް ޝަރުތުކޮށް ދިގު މުއްދަތަކަށް ވިޔަފާރި އުސޫލުން ބިމުގެ ކުލި ދައްކާ ގޮތަށް ދޫކޮށް އެތަން ހެދުމަށް ފަހު އެ ހިދުމަތް ބޭނުންވާ ފަރާތަކުން އަގު ނަގައިގެން އެފަރާތަކަށް ދެވޭނެ ހިދުމަތެކެވެ،" އިއުލާންގައިވެ އެވެ.
ސްލިޕްވޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިހަވަންދޫ ކައުންސިލްގެ އޮފީހުން އެކަމަށް ބޭނުންވާ ފޯމް ގަތުމަށް ފަހު އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބިޑް ހުށައެޅުމަށް ވަނީ އެއިލުނާގައި ބުނެފަ އެވެ.
އިހަވަންދޫގައި 100 ފޫޓަށް ވުރެ ބޮޑު 15 މަސްދޯންޏަކާއި އަދި އެހެނިހެން 19 ވަރަކަށް އުޅަނދު އެ ރަށުގައި ބޭނުން ކުރަމުން އަންނަ ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.