ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 ދޭން ޖެހުނު މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުން ބާތިލްކުރީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި ހުކުމް ކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

ހައިކޯޓުގެ ހުކުމް ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންވާނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވާ ހާލަތުގައި އެކަންޏެވެ. އެހެންކަމުން، ޝަރުއީ މަރުހަލާ ނިމުނު އިރު ސިވިލް ކޯޓުން ކުރި ހުކުމް އަދިވެސް ދެމިއެބަ އޮތެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ދީބާޖާ މައްސަަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިމުން އަލުން މުރާޖާ ކުރަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމެއް އެންމެ ފުރަތަމަ މުރާޖާ ކުރީ އެކެއް ފެބްރުއަރީގެ ހުކުމް މުރާޖާކޮށް އޭގެ ބައެއް ބާތިލު ކުރި ފަހަރެވެ. އެފަހުން ސިޔާސީ ބައެއް ކުށްވެރިންގެ މައްސަލަތަކުގައި ސުޕްރީމްކޯޓުން ކޮށްފައި ހުރި ނިހާއީ ހުކުމްތައްވެސް މުރާޖާކޮށް ބާތިލުކޮށްފައިވެއެވެ.

ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައި ވަނީ އިޖުރާއީ ގޮތުން ކަމުން އެ މައްސަލަ މުރާޖާ ކުރަން ފަސޭހަވެގެންދާނެއެވެ.

"ސުޕްރީމް ކޯޓުން އެ ކަންތައް ކުރުމުގެ ފުރުސަތު ފަސޭހަވެފައި އޮތް އެއް ސަބަބަކީ އެ މައްސަލަ މައުޟޫއީ ގޮތުން ބަލާފައި ނެތުން. ހަމަ އެކަނި އިޖުރާއީ ގޮތުން ކުރިއަށް ގެންޔިޔައީ،"

ފައިސަލް ވިދާޅުވި، ގޮތުގައި އެ މައްސަލަ ރިވިއު ކުރެވޭނީ އެ މައްސަލައިގައި މަސްލަހަތު ހިމެނޭ ފަރާތަކުން އެ ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ.

އެ މައްސަލަ ރިވިއު ކުރުމުގެ ވިސްނުމެއް ގެންގުޅޭގޯ ބެލުމަށް ބަންޑާރަނައިބު އަބްދުﷲ ރިއްފަތަށް ގުޅުމުން ފޯނު ނަންގަވާފައިނުވާތީ އެޓާނީ ޖެނެރަލް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވެރިކަން ކުރާ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ހިއްސާ އޮންނަ ދީބާޖާއަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ދައުލަތަށް ޖެހިފައި ވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދީބާޖާގެ މައްސަލައިގެ އިތުރުން ވެސް މި ރިޔާސީ ދައުރުގެ ތެރޭގައި ދައުލަތުން އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ވަނީ ޖެހިފައެވެ. އެގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ، ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިގް ކުންފުންޏަށް 78 ޕީއެސްއެމްއިން މިލިއަން ރުފިޔާ ދޭން ޖެހުމާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓަށް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ ދޭން ޖެހުން ހިމެނެއެވެ. ދީބާޖާ މައްސަލައިގައި ދައްކަން ޖެހޭ ފައިސާއާ އެކު ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 500 މިލިއަން ރުފިޔާއަށް އަރައެވެ.