ބިދޭސީއެއްގެ އަތުން ދިވެހި ފައިސާތަކާއި ޑޮލަރުތަކެއް ފޭރިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބުނީ، މިއަދު ހަވީރު 5:55 އެހާކަށް ހާއިރުއެވެ.

ފުލުހުން ބުނީ މިއިަދު ހަވީރު އޭސް ހާޑްވެއާ ކައިރީގައި ހުންނަ ހޮޓަލަކުން ސައިބުއިމަށްފަހު، ފައިސާ ދައްކަން ހުއްޓާ ބިދޭސީ މީހެއްގެ އަތުން 5،000 ރުފިޔާ އާއި 2،500 ޑޮލަރު ފޭރިގެންފައިވާ ކަމަށެވެ.

އަދި އެމައްސަލައި ކުރެވޭ 42 އަހަރުގެ އަދި 54 އަހަރުގެ ދިެވހި ފިރިހެނަކުު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި 42 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު، އޭނާގެ އަތުން ބިދޭސީ މީހާގެ އަތުން ފޭރުނު ކަމަށް ބެލެވޭ 1،300 ޑޮލަރު ފެނިފައިވާ ކަމަށެެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެއްވެސް އޭނާ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މާލޭގައި ބިދޭސީއެއްގެ އަތުން ދިވެހި ފައިސާއާއި ޑޮލަރުތަކެއް ފޭރިގެންފައިވާ އިރު، ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މާލޭ ސީޓީއިން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޭރުމުގެ 71 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ހެންވޭރުން ކަމަށް ފުލުހުން ބުންޏެވެ.