19 Oct 2011, 09:39
ކަނޑުފޭރޭ މީހުންގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ރާއްޖެ އަށް އެހީތެރިވެދިނުމުގެ ގޮތުން އިންޑިޔާ އިން ރާއްޖޭގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އިންޑިޔާ އިން ރާއްޖެ އަށް މަތިންދާބޯޓެއް ފޮނުވައިފި އެވެ.
އިންޑިޔާގެ ޓައިމްސް އޮފް އިންޑިޔާ ނޫހުން ބުނީ މިއަދު އިންޑިޔާ އިން ރާއްޖެ އަށް ފޮނުވި ޑޯނިއާ މަތިންދާބޯޓް ރާއްޖޭގައި ތިން ހަފުތާ ހޭދަކުރާނެ ކަމަށާއި އެ މުއްދަތުގައި ރާއްޖެ އާއި އެހެނިހެން ސަރަހައްދުތައް ބަލާނެ ކަމަށެވެ.
އިންޑިއާ އިން ޑޯނިޔާ މަތިންދާ ބޯޓެއް ރާއްޖެ މި ފޮނުވާ މުއްދަތަކީ ރާއްޖޭގައި ސާކް ސަމިޓް ވެސް ބާއްވާ މުއްދަތެވެ.
ޓައިމްސް އޮފް އިންޑިޔާ ބުނި ގޮތުގައި އިންޑިޔާގެ ދިފާއީ ވަޒީރު އޭކޭ އެންތަނީ މިދިޔަ އޮގަސްޓް މަހު ރާއްޖެ އަށް ކުރެއްވި ޒިޔާރަތަށް ފަހު ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އެހީތެރިވުމަށް އެގައުމުގެ މަނަވަރުތަކާއި މަތިންދާބޯޓްތައް އަންނަނީ ފޮނުވަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ރާޑަރު ސިސްޓަމްތަކެއް ގާއިމްކޮށް، އެސިސްޓަމްތައް އިންޑިޔާގެ އަސްކަރީ ސަވައިލެންސް ސިސްޓަމާ ގުޅާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެ އެވެ.
އިންޑިޔާގެ ކަނޑުގެ ސިފައިންނަކީ ސަރަހައްދުގައިވާ ޖަޒީރާ ގައުމުތަކަށް ޖުމްލަ ގޮތެއްގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ހިދުމަތް ދޭން ޖެހޭ ބައެއް ކަމަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިޔާގައިވެ އެވެ.
އިންޑިޔާއާ ގުޅިގެން ރާޑަރު ސިސްޓަމެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަން ދިވެހި ސަރުކާރުން ވެސް ވަނީ ކުރިން ހާމަކޮށްފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިޔާ އިން މަތިންދާ ބޯޓެއް ފޮނުވާފައި މިވަނީ މިސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވެ، އިންޑިޔާގެ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުގައި ހަބަރުތައް ފެތުރުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ނަމަވެސް ޑިފެންސް މިނިސްޓްރީގެ މީޑިއާ އޮފިސާ އަބްދުﷲ އަލީ މިއަދު ވިދާޅުވީ އިންޑިއާގެ ބޯޓެއް ރާއްޖެ އައި ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ސަރަހައްދުގެ ހުރިހާ ގައުމުތަކުން ސާކް ސަމިޓްގެ ދުވަސްވަރު ސިކިއުރިޓީ ފޯރުކޮށްދޭނެ ކަމަށެވެ.