18 Apr 2019, 20:23
ފޭރުމުގެ މައްސަލަ އެންމެ ގިނައިން ހުށަހަޅާފައިވަނީ ހެންވޭރުން ކަމަށް ފުލުހުން ބުނެފިއެވެ.
ފޭރުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮޮލިސް އިސްމާއިލް ނަދީމް ވިދާޅުވީ، މާލެ ސީޓީއިން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފޭރުމުގެ 71 މައްސަލައެއް ހުށަހެޅި ކަމަށާއި އަދި އޭގެ ތެރެއިންް ހެންވޭރުން، ފޭރުމުގެ 22 މައްސަލައެއް އެ އިދާރާއަަަށް ހުށަހަޅާފައިވާ ކަަމަށެވެ.
މާލޭގައި އެންމެ ގިނައިން ފޭރުމުގެ ހާދިސާތައް ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާފަންނުންނެވެ. އެ އަވަށުން އެކަނިވެސް 18 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ގަލޮޅުން ފޭރުމުގެ 14 މައްސަލައަކާއި މައްޗަންގޮޅިން 10 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އެންމެ ގިނައިން ފޭރުނު ސަރަހައްދުތަކުގެ ތެރޭގައި އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގެ އިތުރުން ފަތާ ޓްރެކް ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދު ހިމެނެއެވެ. އަދި އެ ސަރަހައްދުތަކުން އެންމެ ގިނައިން ފޭރިފައިވަނީވެސް ރޭގަނޑުކަމަށް ނަދީމް ވިދާޅުވިއެވެެ.
ނަދީމް ވިދާޅުވީ ފޭރުމުގެ އަމަލުތައް ގިނައިން ހިންގައިފައިވަނީ މާ ބޮޑު ރޭވުމެއް ނެތި ފުރުސަތު ލިބިގެންކަން ފާހަގަވެފައިވާ ކަަމަށެވެ. އެގޮތުން އެފަދަ ފޭރުންތައް އާންމުކޮށް ހިންގުމުގައި ގެން ގުޅޭ އުކުޅުތައް ނަދީމް ވަނީ ހިއްސާކޮށްފައެވެ. އޭގެެ ތެރޭގައި
ވަރަށް މުހިންމު ފޯން ކޯލެއް ކުރަން ޖެހޭ ކަމަށް ބުނެ ފޯނު އަތުލައިގެން ފޯނު ހިފައިގެން ފިލުން.
- އޮންލައިންކޮށް ފޯނު ވިއްކާ ފަރާތްތައް ފޯނު ގަންނާނެ ކަމަށް ބުނެ ތަނަކަށް ގެންގޮސް ފޯނު ޖަހައިގަނެގެން ފިލުން.
- މީހުން މަދު ހިސާބުތަކުގައި އެކަހެރިކޮށް ތިބޭ މީހުންނަށް ބިރުދައްކައި ފޭރުން.
- ވަކި މީހެއްގެ ފޮޓޯތަކެއް ފޯނުގައި ހުރި ކަމަށާއި އެކަން ބަލަން ބޭނުންވާ ކަމަށް ބުނެ ބިރު ދައްކައި ފޯނުގެ ލޮކް ކޯޑް ވެސް ހޯދައި ފޯނު ދިނުމުން ފޯން ހިފައިގެން ފިލުން
އެފަދަ ހާދިސާތަކުގައި ފޭރުމުގެ އަމަލު އެންމެ ގިނައިން ހިންގާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށްވެސް ނަދީމް ވިދާޅުވިއެވެ.