ގެއްލިގެން ފުލުހުން ހޯދަން އެކި ފަހަރުމަތިން އިއުލާން ކުރި ފްރާންސްގެ ރައްޔިތެއް ކަަމަށްވާ މެނަން، ރާއްޖެއިން ފިލައިގެން ދިޔަ މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބަލުމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ އިޒްމިއާ ޒާހިރު ވިދާޅުވީ މެނަން ފިލިކަން ރާއްޖޭގެ ރަސްމީ އިދާރާއަކުން މިހާތަަނަށް ހުށަހަޅާފައި ނުވާ ކަަމަށެެވެ.

އަދި އޭނާ ހޯދަންވެގެން ނެރެފައި އޮތް އަމުރު އަދިވެސް ދެމި އޮތް ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ފްރާންސްގެ "ލަ ޕެރީސިއަން" ނޫހުގައި މިދިޔަ އާދިއްތަ ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި މެނަން ބުނީ އޭނާ ރާއްޖެއިން ފިލީ ރާއްޖެ އައި ބޭރުގެ ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ.

މެނަން ހޯދަން އަމުރު ނެރުނީ މާލެ އަތޮޅު ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް 2017 ގައި ކުޑަ ކުއްޖަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެންނެެވެ. އެ ހާދިސާގައި މަރުވެފައިވަނީ އިނގިރޭސިވިލާތުގެ ދެ އަހަރުގެ ކުއްޖެކެވެ.

މެނަން އެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔައީ ކޭޓަރިން ކޯޑިނޭޓަރަކަށެވެ. ނަމަވެސް މެނޭޖްމަންޓުން އޭނާ އަށް ތިން ކުޑަކުދިން ބަލަހައްޓަން އެންގި ކަމަށް މެނަން ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން ދެ އަހަރުގެ ކުއްޖާ މަރުވީ އޭނާގެ އިހުމާލުން ނޫން ކަަމަށާއި ނަަމެވެސް ރިސޯޓުން އެކަން އޭނާގެ ބޮލުގައި އަޅުވަން މަސައްކަތްކުރަމުންދާ ކަަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ލަ ޕެރީސިއަންއާ ވާހަކަ ދައްކަމުން މެނަން ބުނެފައިވާ ގޮތުން އޭނާ ރާއްޖެއިން ފިލީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކަށް ފަހު ދެކުނުގެ ރަށެއްގައި ހުރެފައި ރާއްޖެއިން ބޭރަށް ފުރާ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެންނެވެ.

އޭނާ އެކަން ކުރީ އޭނާގެ އާއިލާގެ އެހީތެރިކަމާ އެކު ކަމަށް އެ ރިޕޯޓުގައިވެ އެވެ. ހުކުރު ދުވަހެއްގައި ފުރި އެ ބޯޓު ދިވެހި ކަސްޓަމްސް އިން ބަލާ ފާސްކޮށްފައި ނުވާކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެއީ ކޮން ތާރީހެއް ކަމެއް ބުނެފައެއް ނުވެ އެވެ.