18 Apr 2019, 18:36
ތ. ހިރިލަންދޫ ބިންހިކުމުގެ މަޝްރޫއު މިހާރު އޮތް ޕްލޭންއާއެކު ކުރިއަށްދާނެ ކަމުގެ ޔަގީން ކަން އެރަށު ކައުންސިލަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އަރުއްވައިފި އެވެ.
ރައީސް ސޯލިހް މިއަދު ވަނީ ހިރިލަންދޫ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.
ރަައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ހިރިލަންދޫ ރައްޔިން މިހާރަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކައުންސިލް މެމްބަރުންނާއި ރައީސް ސޯލިހާ ވަނީ މަޝްވަރާކުރައްވާފައެވެ.

ހިރިލަންދޫ ކައުންސިލް މެމްބަރުން ރައީސް ސޯލިހާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި، ސިއްހީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރުގެ ރަނގަޅު ކުރަންހުރި ކަންކަން ހިމެނެއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމަށެވެ. އަދި ކައުންސިލުން އިތުރަށް އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ވަނީ ހިރިލަންދޫގެ ބިން ހިއްކުމަށް 10.5 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި މިހާރުވެސް ހިނގަމުންދާ ފެން ރައްކާކުރުމުގެ ނިޒާމުގެ މަސައްކަތްވެސް ވަނީ ބަޖެޓުކޮށްފައެވެ.
ހިރިލަންދޫ ކައުންސިލުން މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވި އިރު، އެ ރަށް ހިމެނޭ ކިނބިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނާޝިޒު ވެސް ބައިވެވަޑައިގެންނެވި އެވެ.