ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ވިއްކުމަށް ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯޓް ރެޑް ނޯޓިސްއަށް އެދިފައިވާ ފުލުހުން ބުނެފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީލައިފް މައްސަލައާ ގުޅިގެން ވ. ތިނަދޫ، ރެޑްހައުސް އަހްމަދު މޫސާ މުހައްމަދު، އައްމަޑީ ހޯދުމަށް އިންޓަޕޯލުން ވަރަށް އަވަހަށް ރެޑްނޯޓިސް ނެރޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖެހުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮސްފަ އެވެ.

ސީލައިފް އިން ހުޅުމާލޭގައި އަޅަން ނިންމި ފްލެޓްތަކުގެ ޑައުން ޕޭމަންޓުގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން 50،000 ރުފިޔާ ނެގި އެވެ. ނަމަވެސް އަދި ވެސް ފެލެޓު އެޅުމުގެ މަސައްކަތް ނުފަށާއިރު ފައިސާ ދެއްކި މީހުންނަށް ފައިސާވެސް ދީފައެއް ނުވެ އެވެ.

މީގެ ތިންއަހަރު ކުރިން ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ދެއްކި އިރު އެއަށްވުރެ ގިނައިން ފައިސާ ދެއްކި މީހުންވެސް އެބަތިއްބެވެ.

ފުލުހުންގެ އިތުރުން އޭސީސީއަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.