19 Oct 2011, 09:13
ކުވައިތު ސިޓީ (އޮކްޓޯބަރ 19) ގަލްފުގެ ޢަރަބި ޤައުމެއް ކަމަށްވާ ކުވައިތުގެ ޚާރިޖީ ވަޒީރު އައްޝައިޚް މުޙައްމަދު ސަބާޙުއްސާލިމް ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ. އައްސާލިމްގެ އިސްތިޢުފާގެ ސިޓީގައި މަޤާމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައިވާއިރު އެކަމުގެ ސަބަބު ހާމަނުކުރައްވާ ކަމަށް ކުވައިތުގެ ރަސްމީ ނޫސްއެޖެންސީ "ކޫނާ" ބުނެއެވެ.
ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދު، އައްސާލިމްގެ އިސްތިއުފާ ޤަބޫލުކުރެއްވިކަމަށް އަމީރުގެ ދީވާނުން ބުނެއެވެ. ކުވައިތުގެ ޚާރިޖީ ވުޒާރާ ހިންގެވުން، ވަޒީރުންގެ މަޖިލީހާބެހޭ ސްޓޭޓް މިނިސްޓަރ ޢަލީ އައްރާޝީއާ ވަނީ ވަގުތީ ޙަވާލުކުރައްވާފައެވެ. އޭނާއަކީ ކުވައިތު ސަރުކާރުގެ ރަސްމީ ތަރްޖަމާން ވެސްމެއެވެ.
ކުވައިތުގެ ރައްޔިތުންގެ އެތަށް ހާސްބަޔަކު ދާދިފަހުންވަނީ އެޤައުމުގެ ސަރުކާރު އިސްތިއުފާދީ ޕާލަމެންޓް އުވާލައި އަލުން އިންތިޚާބު ބެއްވުމަށް އެދި އެއްވުންތަކެއް ބާއްވާފައެވެ. އެމީހުންވަނީ ވިރާޘީ ވެރިކަމެއްކުރާ ކުވައިތަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށްވެސް ގޮވާލާފައެވެ.
މަޤާމުން އިސްތިއުފާ ދެއްވި ޚާރިޖީ ވަޒީރާއި ކުވައިތުގެ ބޮޑުވަޒީރަކީވެސް އެޤައުމުގައި ވިރާޘީ ވެރިކަންކުރާ ޝާހީ ޢައިލާގެ މެންބަރުންނެވެ. -- އަލްޖަޒީރާ