ޓްރިޕޮލީ (އޮކްޓޯބަރ 19) : އެމެރިކާގެ އިޤްތިސާދީ އަދި ޢަސްކަރީ އެހީ ލީބިޔާއަށް ލިބޭނެކަމުގެ ޔަގީންކަން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން، ލީބިޔާގެ އައު ލީޑަރުންނަށް އަރުވައިފިއެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަވައިގެން ރޭ ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ މިހާރު ލީބިޔާ މިނިވަން ވެއްޖެ ކަމަށާއި "އަނިޔާވެރި ޑިކްޓޭޓަރެއް" ގެ ކިބައިން ލީބިޔާ ސަލާމަތް ކުރުމުގައި ލީބިޔާގެ ރައްޔިތުންވެފައިވަނީ ވަރުގަދަ ޤުރްބާން ތަކެއް ކަމުގައެވެ. އަދި ގައްޒާފީގެ އަނިޔާވެރިކަމާ ދެކޮޅަށް ލީބިޔާ ރައްޔިތުން ދައްކާފައިވަނީ އާދަޔާ ޚިލާފް ހިއްވަރެއް ކަމަށްވާތީ ދުނިޔޭގެ ލޯތްބާއި އިޙްތިރާމް ލީބިޔާ ރައްޔިތުންނަށް ލިބިފައިވާ ކަމުގައެވެ.

ހިލަރީ ލީބިޔާއަށް ވަޑައިގެން މިމޭރުމުން ވާހަކަ ދެއްކެވިއިރު ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އެންމެ ބޮޑު ޤުރްބާނީއެއްވީ ލީބިޔާގެ އިސްލާމީ ޚިޔާލުގެ މީހުން ގެންދަނީ އެމެރިކާގެ ގެންގުޅެމުންދާ މަތި އޮމާންކުރުމުގެ ސުލޫކާމެދު ޝައްކު ކުރަމުންނެވެ. ގައްޒާފީއާ ގުޅިގެން ލީބިޔާގެ އިސްލާމީ ޚިޔާލުގެ މީހުން ހައްޔަރުކޮށް ގައްޒާފީގެ ސަރުކާރާ ޙަވާލުކުރުމާއި ގައްޒާފީގެ ދުވަސްވަރު ލީބިޔާގެ ޖަލުތަކުގައި އެމީހުންނަށް ކުރިއަނިޔާތަކާއި ހިންގި ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިއޮތީ އެމެރިކާ ކަމަށް ލީބިޔާގެ ބާރުގަދަ މަޤާމްތަކުގައާއި ޢަސްކަރީ ކޮމާންޑަރުންގެ ގޮތުގައި މިހާރު ތިއްބެވި އިސްލާމީ ޚިޔާލުގެ ލީޑަރުން ވިދާޅުވެއެވެ.

ލީބިޔާގެ އެންމެ ޒުވާން އިސްލާމީ އެއްލީޑަރު ކަމަށްވާ ޢަބްދުލްޙަކީމް ބިލްޙާޖަކީ އެމެރިކާގެ އެދުމުގެ މަތިން ތައިލެންޑް ސަރުކާރުން އޭނާ ކިޑްނެޕް ކުރުމަށްފަހު ގައްޒާފީގެ ސަރުކާރާ ޙަވާލުކޮށް ގައްޒާފީގެ ޖަލުތަކުން އެތަށް އަހަރެއްވަންދެން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބޭފުޅެކެވެ. މިހާރު އަބްދުލްޙަކީމަކީ ޓްރިޕޮލީ ކޮންޓްރޯލްކުރާ ޢަސްކަރީ މަޖިލީހުގެ ކޮމާންޑަރެވެ. ޢަބްދުލްޙަކީމް ވަނީ އޭނާއަށް ލިބުނު އަނިޔާތަކުގައި ގައްޒާފީއެކޭ އެއްގޮތަށް އެމެރިކާގެ ލީޑަރުން ޝާމިލްވާ ކަމަށް ވިދާޅުވެ ލީބިޔާގެ ކޯޓްތަކުގައާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓްގައި އެމެރިކާގެ ވެރިންގެ މައްޗަށް ދަޢްވާ ކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އަދި އެމެރިކާއަށް ތާއީދުކުރާ ލީބިޔާގެ މަދުޢަދަދެއްގެ ލާދީނީ މީހުންގެ އަތްމައްޗަށް ލީބިޔާ ދިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެ ޢަބްދުލްޙަކީމްވަނީ އިންޒާރުވެސް ކުރައްވާފައެވެ. ނަމަވެސް އެއްޤައުމު އަނެއް ޤައުމަށް އިޙްތިރާމްކުރާ މޭރުމުން އެމެރިކާއާ އެކު ގުޅުންތައް ބޭއްވުމަށް މަރްޙަބާ ކިޔާ ކަމަށް އަބްދުލްޙަކީމް ވިދާޅުވިއެވެ.

ލީބިޔާގެ އައު ވެރިކަމުގައި ބާރުގަދަ ޙާލަތެއްގައިތިބި އިސްލާމީ ޚިޔާލުގެ ލީޑަރުންނާ އެމެރިކާ މުޢާމަލާތް ނުކުރާނެތޯ ދެންނެވުނު ސުވާލެއްގެ ޖަވާބު ހިލަރީ ދެއްވާފައިވަނީ އޮޅުންބޮޅުން އަރާކަހަލަ ގޮތަކަށެވެ. ލީބިޔާގެ އިސްލާމީ ލީޑަރުންނާ މުޢާމަލާތް ކުރައްވާނެ ކަންދޭހަވާފަދަ ގޮތަކަށް ހިލަރީގެ ވާހަކަތައް ހުރިކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާވަނީ ގައްޒާފީ ވެއްޓޭނެކަން އެނގެންދެން ގައްޒާފީގެ ސަރުކާރު ދެމެހެއްޓުމަށް ސިއްރިޔާތުގައި މަސައްކަތް ކޮށްފައި ކަމަށް ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ލިޔުންތަކެއް ބުނެއެވެ. – އަލްޖަޒީރާ، ނޫސްއެޖެންސީތައް