19 Oct 2011, 01:32
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައިގައި ހިމެނޭ މޯކަމް ކުންފުންޏާއިއެކު ހަދާފައިވާކަމަށް ބުނާ ތެޔޮ ގަނެ ވިއްކުމުގެ ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމަށް އެސްޓީއޯ އިން ނިންމިކަމުގެ އެއްވެސް ލިޔެކިޔުމެއް އެސްޓީއޯގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އެ ކުންފުނި އުފެއްދިކަމުގެ އެއްވެސް ލިޔެކިޔުމެއް އެސްޓީއޯއިން ފެންނަން ނެތުމުން އެ ކުންފުނީގެ ކުރީގެ ބޯޑު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީއަށް ހާޒިރުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ މޯކަމް ކުންފުނި ސިންގަޕޫރުގައި އުފެއްދުމަށްޓަކައި އެސްޓީއޯ އިން ނިންމާފައި އޮތް އެއްވެސް ނިންމުމެއް އަޅުގަނޑުމެންނަށް އެސްޓީއޯގެތެރޭގައި ހުރި ލިޔެކިޔުންތަކަކުން ނުފެނުނު،" މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ އެ ކުންފުންޏާއި ބެހޭގޮތުން ސުވާލުކުރުމަށް އެ ކުންފުނީގެ ކުރީގެ ބޯޑު މެމްބަރުން އަންނަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީއަށް ހާޒިރުކުރާނެ ކަމަށެވެ.
~
މޫސާ މަނިކު ވިދާޅުވީ މޯކަމް ކުންފުންޏަކީ މެލޭޝިޔާގައި އޮންނަ ކުންފުންޏެއްކަމަށާއ، ސިންގަޕޫރުގައި އުފައްދާފައިވާ މޯކަމް ކުންފުންޏަކީ ވަރުގަދަ ތިން ހަތަރު މީހަކުވެގެން އުފައްދާފައިވާ މެލޭޝިޔާގެ ކުންފުނީގެ ޑުބުލިކޭޓް ކުންފުންޏެއް ކަމަށެވެ. އަދި އޭރު އެކުންފުނި އުފައްދާފައިވަނީ އޭރުގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކަމަށްވެސް މޫސާމަނިކު ވިދާޅުވިއެވެ.
"ދިވެހި ދައުލަތުގެ ކުންފުންޏެއް ނުއުފެއްދޭނެ ސަރުކާރުގަވިޔަސް ސިންގަޕޫރުގަވިޔަސް އަދި ސައުދީ އަރަބިޔާގައި އުފެއްދިޔަސް އުފެއްދޭނީ ވަކި ހަމަތަކެއްގެ މަތިން. އޭރުގަ އޮތް ގާނޫނު އަސާސީ ވެސް އަދި އޭރުގަ އަމަލުކުރަމުން ގެންދާ ގާނޫނުތަކުން ވެސް އުފައްދާ ކުންފުންޏެއްގަ ވެއްޖެއްޔާ ފާސްކޮށްފަ އޮންނަ ރިޒޮލިޔުޝަނެއް އޮންނަން ޖެހޭ،" މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު އިތުރަށް ވިދާޅުވީ ބޭރުގައުމެއްގައި ކުންފުންޏެއް އުފެއްދޭނީ ރައްޔިތުންގެ ނަންމަތީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިތީން ގަބޫލުކުރާ ހަމަތަކުގެމަތިން ފައިސާގެ މުއާމަލާތް ކުރެވޭގޮތަށް ކަމަށްވާއިރު އެ ކުންފުނި އުފައްދާފައިވަނީ އެ އުސޫލާއި ހިލާފަށްކަމަށެވެ.
މައުމޫނާއި ޔާމީން ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައާ ގުޅުން ހުރި ހުރިހާ ލިޔެކިޔުންތަކެއް ގައުމީ ސަލާމަތުގެ ކޮޓީ އަށް ހުށަހެޅުމަށް 12 މުއައްސަސާއަކަށް އެންގުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ނިންމައިފަ އެވެ. ތުހުމަތުކުރާ މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ އެ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށާއި އެބުނާ 800 މިލިއަން ޑޮލަރަށްވާ ވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް އެ ތުހުމަތުތައް ސާބިތު ނުކުރެއްވޭނެ ކަމަށެވެ.