19 Oct 2011, 01:11
އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު އަލުން ހަދަން ނިންމީ ޕޭޕަރު ތައްޔާރު ކުރި މީހުންނާއި އަދި އެކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިފާ ވިދާޅުވީ އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު އަލުން ހަދަން ހަމަޖެއްސެވީ ޕޭޕަރުގައި ނަމޫނާ ކަރުދާހުގެ 50 ޕަސެންޓް އަސްލު ކަރުދާހުގައި ވެސް ތަފާތެއް ނެތި ހުރުމުން ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅިގެން ޕޭޕަރު ތައްޔާރު މީހުންނާއި އަދި އެކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވާރާކުރުމުން އެ ފަރާތްތަކުން އެ އިމްތިހާނު އަލުން ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.
~
"ދަންނަވަންތޯ ދިވެހި ޕޭޕަރުގައި ހުރީ ނަމޫނާ ކަރުދާހުގެ 50 ޕަސެންޓް ހުރިގޮތަށް. އެންވެ ޕޭޕަރު ހެދި މީހުންނާއި އަދި ޕޭޕަރާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި އަޅުގަނޑު ބައްދަލުކުރިން. އެ އެންމެންވެސް ވަނީ އެ އިމްތިހާނު އަލުން ބޭއްވުމަށް އެއްބަސްވެފައި،" ޝިފާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ ދަރިވަރުންނަށް ރަނގަޅު ފެންވަރަށް ކިޔަވައިދީ އިމްތިހާނު ތަކުގައި ރަނގަޅު ފެންވަރުގެ ޕޭޕަރުތައް ދީގެން ހޯދަންޖެހޭ މާކްސް ހޯދައިދޭން މަގުފަހިކުރަން ކަމަށެވެ.
ދިވެހި އިމްތިހާނު އަލުން ހަދަން ނުފެންނަ ކަމަށް ބުނެ މާލޭގެ ސްކޫލް ބޯޑުތަކުން ދެކޮޅުހަދަމުންދާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ސްކޫލްތަކުގެ ބޯޑުގެ މެމްބަރުންނާއި ބައްދަލުކޮށް ކަން ހިގައިދިޔަގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އޮޅުންފިލުވައި ދީފައިވާނެ ކަމަށެވެ.
"މިނިސްޓްރީގަ އަޅުގަނޑު އޮންނާނީ ސްކޫލްތަކުގެ ބޯޑްގެ ބޭފުޅުންނާއި ވެސް ބައްދަލުކޮށް ކަންހިގައިދިޔަ ގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އޮޅުންފިލުވައިދީފަ،" ޝިފާ ވިދާޅުވިއެވެ. އިތުރަށް އެކަމަނާ ވިދާޅުވީ ބައެއް ފަރާތްތަކުގެ ހިންހަމަނުޖެހުން މިކަމުގައި ހުރިނަމަވެސް ގިނަ ބެލެނިވެރިން މި ނިންމުމަށް ތާއީދުކޮށްފައިވާކަމަށާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންވެސް މިނިންމުމަށް މަރުހަބާކިޔާ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ