17 Apr 2019, 22:41
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ބައެއްގެ ރެޓް ނޯޓިސް ބާތިލް ކުރީ ސަރުކާރުން ބޭނުންވާ ބަޔަކު ހައްޔަރުކުރަން ހެކިބަސް ހޯދުމަށް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ރެޑް ނޯޓިސް ނެރުނު މުހައްމަދު އަސީލް އަހުމަދާއި މުހައްމަދު އައްލާމް ލަތީފާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ މައްޗަށް ނެރުނު ރެޑް ނޯޓިސް މިއަދު ވަނީ ބާތިލް ކޮށްފައެވެ.
ފުލުހުން ބުނީ އެ މީހުން ހޯދަން ނެރުނު ރެޑްނޯޓިސް ބާތިލްކުރީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށެވެ. އެމީހުންގެ މައްޗަށް ނެރުނު ނޯޓިސް ބާތިލްކުރުމާ ގުޅޭގޮތުން ފުލުހުން ބުނީ އެމީހުން ހޯދަން ރެޑްނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.
ނަމަވެސް މިހާރު އެމީހުންނަށް ފުލުހުންނަށް އެކްސެސްވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވީ އެއީ ސަރުކާރު ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރު ކުރުމަށް ހެކިބަސް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އެ މީހުންގެ ތެރެއިން އިޝްފާހު އާއި އޮއިއްޓޭ ވަނީ އަލްޖަޒީރާ އިން ގެނެސްދިން ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީގައި ޚިޔާނާތާ ގުޅޭ ބައެއް ވާހަކަތައް ކިޔައިދީފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ހަވާލުކުރި ކަމަށް ވަނީ ބުނެފައެވެ.