17 Apr 2019, 21:04
ހައްޔަރު ކުރުމުގެ އަމުރު ނެރުމުން އަމިއްލަަ އަށް މަރުވާން މަސައްކަތްކޮށް ބޮލަށް ބަޑިޖެހި ޕެރޫގެ ކުރީގެ ރައީސް އެލެން ގާސިއާ އަވަހާރަވެއްޖެއެވެ.
ގާސިއާ އަވަހާރަވީ ބޮލަށް ބަޑިޖެހުމުން ލިބުނު އަނިޔާތަކާއެކު ކޯމާއެއްގައި އޮއްވައެވެ.
ގާސިއާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތަކާއެކު އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް މިއަދު ނެރުނުއިރު އުމުރަކީ 69 އަހަރެވެ.
ގާސިއާގެ ވަކީލު ވިދާޅުވީ ގާސިއާ ބޮލަށް ބަޑިޖެއްސެވީ އަމިއްލަ އިހުތިޔާރުގައި އަމިއްލަ އަށް ކަމަށެވެ. ފުލުހުން ގާސިއާ ހައްޔަރު ކުރުމަށް އެގެއަށް ގޮސްފައިވަނީ ޕެރޫގެ ގަޑިން ހެނދުނު 6:30 ގައި ކަމަށް ވަކީލު ވިދާޅުވިއެވެ.
ފުލުހުން އެގެއަށް ދިޔުމުން ގާސިއާ، އޭނާގެ ވަކީލު ހާޒިރު ކުރުމަށް އެދުނު ކަމަށާއި ވަކީލު ގާސިއާގެ ކޮޓަރިކޮޅަށް ވެންނެވިތަނާ ބަދީގެ އަޑު އިވުނު ކަމަށް ހަބަރުތައް ބުނެއެވެ.
އެގައުމުގެ ސިއްހީ ވުޒާރާއިން ބުނީ ގާސިއާގެ ބޮލަށް ވަން ވަޒަން އެއްކޮޅުން ވަދެގެން އަނެއް ކޮޅުން ނިކުމެގެން ދިޔައީ ކަމަށެވެ.
ގާސިއާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ލެޓިން އެމެރިކާގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ހިމެނެއެވެ. ނަމަވެސް އެކަން އޭނަ ވަނީ ދޮގު ކުރައްވައިފައެވެ.
މިދިޔަ ޑިސެމްބަރު މަހު ގާސިއާ ގައުމު ދޫކޮށް ދިޔުން 18 މަހަށް ކޯޓުން މަނާކުރުމުން އޭނާ ވަނީ އެގައުމުގައި ހުންނަ އުރުގުއޭ އެމްބަސީ އިން ހިމާޔަތް ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައެވެ.