17 Apr 2019, 20:58
ގާހިރާ (އެޕްރީލް 17): މިސްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ އަށް ދިގުމުއްދަތެއްގައި ވެރިކަމުގައި ހުންނެވޭގޮތަށް އެގައުމުގެ ގާނޫނު އަސާސީއަށް ޕާލަމެންޓުން ގެނައި އިސްލާޙްތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް ޖަމާއަތުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމްނެސްޓީގެ މެދުއިރުމައްޗާބެހޭ އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓާ މާޖިދާ ލީނާ މަޣްރިބީ ވިދާޅުވީ މިސްރުގެ ގާނޫނު އަސާސީއަށް އިސްލާޙްތައް ގެނައީ ޑިމޮކްރަސީގެ އެއްވެސް ކަންފުޅެއްނެތް ގޮތަށް އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާވެސް މުޅިން ޚިލާފަށެވެ. މި އިސްލާޙް ތަކުގެ ބޭނުމަކީ ރައީސް ޢަބްދުލްފައްތާޙު އައްސީސީ އަށް ދިގުމުއްދަތެއްގައި ވެރިކަން ކުރެވޭނެގޮތް ހެދުމާއި އޭނާގެ ވެރިކަމުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބަލައި ތަހްގީގް ކުރުމުގެ ފުރްސަތު ނުދިނުމާއި ޝަރުއީ ދާއިރާއަށް ބާރާއި ނުފޫޒު ހިންގުން ކަމަށް މާޖިދާ ލީނާ މަޣްރިބީ ވިދާޅުވިއެވެ.
މިސްރުގެ ގާނޫނު އަސާސީއަށް އެގައުމުގެ ޕާލަމެންޓުން ގެނައި ބަދަލުތަކުގެ ތެރޭގައި ރިޔާސީ ދައުރު ހަތަރު އަހަރުން ހަ އަހަރަށް އިތުރުކުރުމާއި ނައިބު ރައީސެއްގެ މަގާމު އުފެއްދުމާއި ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓަރު އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދިނުން ހިމެނެއެވެ.
މި އިސްލާޙް ތަކުގައި ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް އެއްބޭފުޅަކަށް މިސްރުގެ ރިޔާސަތުގައި ނުހުރެވޭނެކަން ބަޔާންކުރި ނަމަވެސް ރިޔާސީ ދައުރުގެ މުއްދަތު ހަތަރު އަހަރުން ހަ އަހަރަށް ދިގުކުރުމާއެކު އިތުރު ރިޔާސީ ދެދައުރަށް ކުރިމަތިލުން މިހާރުގެ ރައީސަށް މަނާކޮށްފައި ނުވާތީ މި އިސްލާޙް ތަކާއެކު 2030 އަހަރާ ހަމައަށް މިސްރުގެ ވެރިކަމުގައި ދެމިހުންނެވުމުގެ ފުރްސަތު ރައީސް އަބްދުލްފައްތާޙް އައްސީސީ އަށް ވަނީ ފަހިވެގެން ގޮސްފައެވެ.
މިގޮތުން ރިޔާސީ ދެދައުރުގެ މުއްދަތު ގުނަން ފެށޭނީ ރައީސް ކަމުގައި މިހާރު ހުންނެވި ފާރާތުގެ ރިޔާސީ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ކަމަށް އިސްލާހުގައި ބުނެފައިވާތީ ސީސީ ބޭނުންފުޅުވާނަމަ މި ދައުރު ނިމުމަށްފަހުވެސް އިތުރު ދެ ދެދައުރަށް އޭނާއަށް ކުރިމަތި ލެއްވޭނެއެވެ.
މިސްރުގެ ގާނޫނު އަސާސީއަށް އެގައުމުގެ ޕާލަމެންޓުން ގެނައި އިސްލާޙްތައް ތަންފީޒު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަޣްލަބިއްޔަތުން ރައްޔިތުން އެކަމަށް ރުހުން ދިނުމުންނެވެ.
މިސްރުގައި މިހާރު ދެފުއްފެންނަ ގޮތަށް ނަޒާހަތްތެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތުމާއި އިދިކޮޅު ވަރުގަދަ ޕާޓީއެއް ނެތުމާއި މީޑީޔާގެ ކޮންޓްރޯލް ސަރުކާރަށް އޮތުމާއި މިނިވަން މުއައްސަސާތައް ނެތުމަކީ ސީސީ ގެ ސަރުކާރު އެދޭގޮތަށް ފަސޭހަ ކަމާއެކު ރައްޔިތުންގެ ވޯޓަކުން މި އިސްލާޙުތައް ތަސްދީގު ކުރެވޭނެ ކަމެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެއެވެ. (ނޫސްއެޖެންސީތައް)