19 Oct 2011, 00:14
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވަގުތީ ކައުންސިލުގެ މަޝްވަރާގެ މަތީ ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަން ކުރައްވާ ބޭފުޅުން ކަނޑައެޅުމަށް މިރޭ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ބޭފުޅުން ޕާޓީގެ ވަގުތީ ރައީސް މައުމޫންގެ ފަރާތްޕުޅުން އެ ޕާޓީގެ ކައުންސިލަށް އައްޔަން ކުރައްވައިފި އެވެ.
ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ފަންނީ ތަޖުރިބާ ކާރުންގެ ގޮތުގައި އައްޔަން ކުރެއްވެވި ތިން ބޭފުޅުންނަކީ ކުރީގެ ސަރުކާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިލްޔާސް އިބުރާހިމް (ނ ޢ ޢ ވ) އާއި ޕާޓީގެ ވަގުތީ ރަޖިސްޓްރާ ޑރ. މުހައްމަދު ސައުދާއި މަޝްހޫރު ލަވަކިޔުންތެރިޔާ މާއިން ރަޝީދެވެ.
ޕީޕީއެމް ގާނޫނީ ގޮތުން ތަމްސީލް ކުރާނީ އެ ޕާޓީގެ އިންތިގާލީ ކައުންސިލް ކަމަށް ފާސްކޮށް، 16 މެންބަރަކު އެ ކައުންސިލަން ވޯޓްލައިގެން ކުރިން ވަނީ ހޮވާފަ އެވެ. އިންތިގާލީ ކައުންސިލަށް ކުރިމަތިލި 26 މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށެވެ. އޭނާއަށް 645 ވޯޓް ލިބުނެވެ. އަދި ދެވަނައަށް 624 ވޯޓް ލިބި، އެއްވަރުވެގެން އިންތިގާލީ ކައުންސިލަށް ދެ ބޭފުޅަކު ހޮވުނެ އެވެ. އެއީ މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝުކޫރަށެވެ. ތިން ވަނައަށް އެ ކައުންސިލަށް ހޮވުނީ މައުމޫންގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، އެވެ. އޭނާއަށް 609 ވޯޓް ލިބުނެވެ. އެ ކައުންސިލަށް ހޮވުނު އަނެއް 13 މެންބަރުންނަކީ މައުމޫންގެ ދޮށީ ދަރިކަލުން އަހުމަދު ފާރިޝް މައުމޫން އާއި ކުރީގެ މިނިސްޓަރު އަނީސާއި އަހުމަދާއި މާޒް އަހުމަދު ސަލީމާއި އިބްރާހިމް ނާޒިމް އާއި ރާޝިދާ ޔޫސުފު އާއި ޑރ. އައިޝަތު ޝިހާމާއި އަހުމަދު ސިއްދީގު އާއި ޑރ. އަބްދުއް ސަމަދު އަބްދުﷲ އާއި މުހައްމަދު ނިމާލް އާއި އަސްމާ ރަޝީދު އާއި އިބްރާހިމް މުއާޒް އަލީ (މުއާ) އާއި އަހުމަދު ނަސީމެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން އިންތިގާލީ ކައުންސިލަށް އިންތިހާބުވީ އަބްދުﷲ ޔާމީނާއި އަހުމަދު މަހުލޫފާއި މުހައްމަދު މުޖުތާޒާއި އަލީ އާރިފާއި އަބްދުލް މުހުސިން ހަމީދާއި އަހުމަދު ނިހާން ހުސެއިން މަނިކާއި އަބްދުއްރަހީމް އަބްދުﷲ އާއި ހަމްދޫން ހަމީދާއި އިލްހާމް އަހުމަދާއި އަހުމަދު ސަލީމާއި އަދި ޑރ. އަފްރާޝީމް އަލީ އެވެ. ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ ޔާމީނެވެ.