18 Apr 2019, 09:00
އަންހެނުންނަށް ދިމާވާ ތަފާތު އެތައް ސިއްޚީ މައްސަލަތަކުގެ ވާހަކައަކީ ގިނަ ފަހަރު އެހާ އަޑުހަރުކޮށް އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ރާއްޖޭގައި ދާދިފަހުން ރެޖިސްޓާ ކުރި އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ މިފަދައިން އަންހެނުންނަށް ދިމާވާ ސީރިއަސް ބައްޔެއް ކަމުގައިވާ 'އެންޑޯމެޓްރިއޯސިސް' އަށް މުޖްތަމައު ހޭލުންތެރިކުރުމުގެ ގޮތުން އުފައްދާފައިިވާ އަމިއްލަ ޖަމިއްޔާއެކެވެ.
އެންޑޯމެޓްރިއޯސިސް ޖެހުމުން، ރަހިމުގައި އުފެދޭ ލޭގެ ފަށަލަ ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ބޭރުގައި ވެސް އުފެދެ އެވެ. އެހެންވުމުން މައްސަރު ދުވަސްވަރު އެތެރެހަށީގެ އެކި ތަންތަނުން ލޭ އާދެ އެވެ. އަދި މި މައްސަލަ ބޮޑުވެ، ހަށިގަނޑުން ބޭރުވާން ޖެހޭ ލޭތަކެއް ބޭރުނުވެ، ހަށިގަނޑުތެރޭގައި ގިނަ ދުވަހު ހުރުމުން މުޅި ހަށިގަނޑަށް ނުރައްކާވެ އެވެ.
ދުނިޔޭގެ ކޮންމެ 10 އަންހެނަކުން އެއް އަންހެނަކަށް މި ބަލި ޖެހޭ ކަމަށް ދިރާސާތަކުން ދައްކާ އިރު މި ބަލީގެ ވާހަކަ ދިވެހިންގެ ތެރޭގައި ދެކެވެން ފަށާފައި ވަނީވެސް މި ޖަމިއްޔާ އުފަންވުމާއެކުގަ އެވެ.
މިއީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އަދި ބަލި ޑައިގްނޯޒް ކުރުމަށްޓަކައި ވެސް ގިނަ މުއްދަތެއް ހޭދަވެ އެވެ.
އެންޑޯމެޓްރިއޯސިސް ޖަމިއްޔާގެ ފައުންޑާ އަދި ޗެއާ ޕާސަން މިޒްނާ އަލީ ވަނީ މި ބައްޔާ ބެހޭ ގޮތުން ސަން އަށް ހާޢްސަ އިންޓަވިއުއެއް ދެއްވައިފަ އެވެ. މި އިންޓަވިއުގައި ބައްޔާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފައިވާ ޢިރު، ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވެ، ބަލީގެ އަސަރުތައް ކުޑަކުރުމާއި އަދި މި ބައްޔާއި ދަރިމައިވުމަށް ހުރި މައްސަލަތަކާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަދައްކަވައިފަ އެވެ.
މިޒްނާ ވިދާޅުވާ ގޮތުގައި އެންޑޯމެޓްރިއޯސިސް ފަދަ އަންހެނުންގެ ބަލިތަކާޢި މެދު އާންމުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުކޮށް މި ކަންކަމާ ދޭތެރޭ މުޖްތަމައު ގަބޫލުކުރާ ވިސްނުން ވެސް ބަދަލުކުރަން ޖެހެ އެވެ.
އެންޑޯމެޓްރިއޯސިސްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވޭންގަދަ 20 ބަލީގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. އަދި ހަމައެޔާ އެކު ދިރާސާތައް ދައްކާ ގޮތުން އެންޑޯމެޓްރިއޯސިސް ތަހައްމަލު ކުރާ އަންހެނުންގެ 60 ޕަސެންޓް މީހުން ޑިޕްރެޝަން ވެސް ތަހައްމަލު ކުރެ އެވެ.
މި ޖަމިއްޔާ އިން އަމާޒު ހިފާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާ ލެވިގެން އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި މި ބަލީގެ ސަޕޯޓް ގްރޫޕްތަކެއް ގާއިމްކޮށް އެކަށީގެންވާ އަގެއްގައި މި ބަލީގެ ފަރުވާތައް ހޯދުމަށް މަގުފަހި ކުރުމެވެ.