މާލޭ ހުޅަނގުފަރާތު އާޓިފިޝަލް ބީޗު، ރަސްފަންނު މޫދު މާދަމާ އާންމުންނަށް ހުޅުވާލެވޭވަރު ވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރަސްފަންނު މޫދު އާންމުންނަށް ބަންދު ކުރީ މޫދު ލޮނުގަނދުގައި ނަޖިހުގެ އަސަރު ހުރުމުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭގައެވެ.

ސިޓީ ކައުންސިލްގެ ޑެޕޮިޔުޓީ މޭޔަރު ޝަމާއު ޝަރީފް މިރޭ "ސަން" އަށް ވިދާޅުވީ ރަސްފަންނު މޫދުގައި ނަޖިސް އެކުލެވޭތީ ބެލުމަށް އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާ ދައްކާގޮތުން އެ ސަރަހައްދުގެ މޫދު ލޮނުގަނޑު ޑަބްލިއުއެޗްއޯގެ ރެކްރިއޭޝަން ވޯޓާ ގައި ހުންނަން ޖެހޭ މިންގަނޑަށް ފެތޭ ކަމަށެވެ.

"އެކަމަކު އަދި އަޅުގަނޑުމެން އެކަން އިތުރަށް ކަށަވަރު ކުރުމަށް ޓެސްޓު ހަދާފައި، މާދަމާ ވެސް އެ ސަރަހައްދު ހުޅުވާލެވިދާނެ،"

ޝަމާއު ވިދާޅުވީ ރަސްފަންނު މޫދުން ނަޖިހުގެ އަސަރު ފެންނަނީ މޫސުން ބަދަލުވެ އޮއިވަރަށް ބަދަލު އައުމުން ކަމަށެވެ. އެ ކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެމްޓީސީސީ އާއި މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްފަންނު މޫދުން ނަޖިހުގެ އަސަރު ފެންނާތީ އެޗްޕީއޭ އިންވެސް ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް މީގެ ކުރިން އިލްތިމާސްކޮށްފައެވެ.