19 Oct 2011, 00:02
ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހާސިލުކުރަން ޖަހަންޖެހޭ ހުރިހާ ކާޑެއް ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަތުގައި އެބަހުރި ކަމަށް އެ ޕާޓީ ވަގުތީ ރެޖިސްޓްރާ ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ.
މިރޭ ވީޓީވީން ފޮނުވި ޕްރޮގްރާމެއްގައި ޕީޕީއެމް ބޭނުންވާ އަދަދަށް މެންބަރުން ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ.ސައުދު ވިދާޅުވީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކޮންމެ މީހަކު ދިރާސާއެއް ހެދިޔަސް އޭގައި ލިޔެވޭނީ ޕީޕީއެމް ބޭނުންވާ އެއްޗެއް ކަމަށާއި ޕީޕީއެމްގައި މެންބަރުންވެސް އެބަތިބި ކަމަށެވެ. އަދި ގިނަ ބަޔަކު ޕީޕީއެމްއަށް ވަންނަމުން ވެސް އަންނަ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ވެސް، އަދި ވެރިކަމުގައި އޮތް ޕާޓީންވެސް އަދި އެހެން ބަޔަކު ވެސް ދިރާސާއެއް ކޮއްފިއްޔާ އަޅުގަނޑުމެން ޕީޕީއެމްއިން ބޭނުންވާ އެއްޗެއް ލިޔެވޭނީ. އަޅުގަނޑުމެންގެ މެންބަރުން ވެސް އެބައތިބި،" ޑރ. ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ޕްރޮސެސްއަކީ އިލެކްޝަންސްއިން އެ ޕާޓީގެ ދަފުތަރު އެކުލަވާލުން ކަމަށާއި އެކަން ނިމުމުން އެ މެންބަރުން ތިބި މިންވަރު އެނގިގެންދާނެ ކަމަށެވެ.
"އޭރުން އަޅުގަނޑުމެންގެ އަތުގައި އޮތް ދަފްތަރާ އެ ދަފްތަރާ އަޅާ ކިޔައި މަދުވަންޏާ އެކަންވެސް ބަލައި ހެދިގެންދާނެ. އޭރުން އެކަން ސާފުވާނީ،" ޑރ. ސައުދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށް މުހިންމީ ފައިސާއެއް ނޫން ކަމަށާއި ވޯޓު ކަމަށެވެ. ފައިސާ ވެސް އަދި ވޯޓު ހާސިލުކުރުމުގެ ގާބިލުކަން ޕީޕީއެމްގައި އެބަހުރިކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"ސަރުކާރުގެ އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް ހާހެއް ނުވޭ. މިޕާޓީއަށް ދުވާލަކު ރުފިޔާއެއް ހޯދިޔަސް ފައިސާ ހޯދޭ ވަރަށް މެންބަރުން އެބަތިބި. ފައިސާ ވުރެ އިންތިހާބެއް ކާމިޔާބުކުރަން މުހިންމީ ވޯޓު،" ޑރ. ސައުދު ވިދާޅުވި އެވެ.
ޕާޓީގެ އުފެއްދުމުގެ ޖަލްސާއާ އެކު ވަގުތީ މަގާމުތަކަށް މީހުން އިންތިހާބުވުމާއެކު މިހާރު އެޕާޓީގެ މިސްރާބު ހުރީ އަތޮޅުތަކުގަ އާއި މާލޭގައިވެސް ޕާޓީ ހިންގުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަށް ފޯކަސް ކުރުމާއި ދައުލަތުގެ މީޑިޔާ މިނިވަން ކުރުމާއި ގައުމުގެ ހާލަތު ބޭރުގެ ފަރާތްތަކަށް ދިނުމައްކަމަށް ވެސް ޑރ.ސައުދު ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ކައުންސިލަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ މައްސަލަ އެވެ.
"މިސާލަކަށް އާންމު މެންބަރަކަށް ބޭނުންވީމާ ޕާޓީ ބަދަލުކުރެވޭ. ނަމަވެސް އިންތިހާބުކުރާ ކައުންސިލަރުންނަކަށް އެކަމެއް ނުކުރެވޭ. ގާނޫނުގައި ބުނޭ ހަމަ ހަމަ ކަމާއެކު އަމަލުކުރަންޖެހޭ ކަމަށް. މިކަހަލަ ކަންތައްތައް އެބަހުރި. މިކަންކަމަށް ފޯކަސް ކުރާނަން،" ޑރ. ސައުދު ވިދާޅުވި އެވެ.
ޕީޕީއެމްގައި ތިއްބެވި ބައެއް ގާބިލު ބޭފުޅުންނަށް ޕާޓީގެ އިސްސަފުން ފުރުސަތު ނުލިބޭ ކަމަށް ސުވާލު ކުރުމުން ޑރ. ސައުދު ވިދާޅުވީ ޕާޓީއިން އިހުތިޔާރުދޭނެ މީހުންނާއި މަގާމުތަކަށް އަންނާނެ މީހުން ނިންމީ އާންމު މެންބަރުން ކަމަށާއި ވަކި މީހަކަށް ނޫނީ ވަކި އާއިލާއަކަށް މަގާމުތަކަށް ނުލިބުން ކަމަށް ވާހަކަ ދެކެވޭނެ ޖާގައެއް ޕީޕީއެމްގައި ނޯންނާނެ ކަމަށެވެ.
"ޑިމޮކްރަސީއޭ ކިޔާ އެއްޗެއް ވިއްޔާ މީގެން (އަސާސީ ގަވާއިދުން )ހާސިލުވޭ. ދެން އޮންނާނީ މި ޕްރެކްޓިސް ކުރާވަރެއް،" ޑރ. ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ޕާޓީގެ ވަގުތީ ރައީސްކަމަށް އިންތިހާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ސަބަބެއް ކަމައްވިދާޅުވީ މައުމޫނަކީ ޕާޓީ ރަނގަޅު މިސްރާބަކަށް ގެންދިޔުމުގެ ގާބިލުކަން ޝާބިތުކޮށްދީފައިވާ އިތުބާރުހުރި ބޭފުޅަކަށްވުން ކަމަށެވެ.
"ހުރިހާ މެންބަރުންވެސް ގަބޫލުކުރައްވާނެ އަދި ފެނިފައި ހުރީ މައުމޫންގެ ސަބަބުން ލިބިފައިހުރި ފައިދާތައް. ވަކި ބަޔެއްގެ ޕާޓީއަކަށް ނުވެ ޕާޓީކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޑރ. ސައުދު ވިދާޅުވި އެވެ.