ލޮނުޔާރަތްކޮޅާއި އާޓިފިޝަލް ބީޗު ތަރައްގީކުރުމަށް ކުރާ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ރަމަޟާން މަސް އަންނަންވާއިރަށް އެ ސަރަހައްދުތަކުގައި އާންމުންނަށް އިށީނދެގެން ތިބެވޭނެގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެތަން ސާފުކޮށް ވޯކް ވޭ ހެދުމުގެ މަސައްކަތް ކަމަށެވެ.

"ލޮނުޒިޔާރަތްކޮޅު ތަރައްގީކުރަނީ ހިތްފަސޭހަ ކަމާއެކު އާންމުންނަށް ތިބެވޭނެ ޕާކެއްގެ ގޮތަށް. ގަސް އިންދައި އެތަން ފެހިކުރާގޮތަށް ވަނީ ހަމަޖެހިފައި،" ޝަމާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރުުމުގެ ޕްލޭން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން ވަރަށް އަވަހަށް އާންމުންނަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

ޝަމާއު ވިދާޅުވީ މުޅި ޕްލޭނާއެއްގޮތަށް ރޯދަ އަށް މަސައްކަތް ނިންމާ ނުލެވުނު ނަމަވެސް އާންމުނަށް އިށީނދެ ތިބެވޭނެހެން ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި އެތަން ރޯދައަށް ހުޅުވާލާނެ ކަމަށެވެ.

އާޓިފިޝަލް ބީޗު ތަރައްގީކުރުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ޝަމާއު ވިދާޅުވީ އެމްޓީސީސީ އާ ހަވާލުކޮށްގެން އެ މަސައްކަތްވެސް ކުރިއަށް އެބަ ދާކަމަށާއި އެތަނުގެ މަސައްކަތްވެސް ރޯދަ އަށް ނިންމާ ނުލެވުނު ނަމަވެސް އެ ސަރަހައްދުގައި ވެސް އާންމުންނަށް އިށީނދެ ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

ބްރިޖުގެ މަސައްކަތަށް ބަންދު ކުރުމުގެ ކުރިންވެސް ލޮނުޒިޔާރަތްކޮޅަކީ އާންމުކޮށް ފިނިވައި ޖައްސާލުމަށާއި ހިތްހަމަ ޖައްސައިލުމަށް މީހުން ގޮސް އުޅޭ ސަރަހައްދެކެވެ.