ކުރިއަށް އޮތް ރަމަޟާން މަހު މާލޭ މާރުކޭޓު ސަރަހައްދަށް ވިޔަފާރިކުރަންދާ ރައްޔިތުންނަށް ފަސޭހަވާނެހެން އެ ސަރަހައްދުގެ އިންތިޒާމުތައް ބެހެއްޓުމަށް މަޝްވަރާކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ސަން" އަށް ވިދާޅުވީ މާރުކޭޓު ސަރަހައްދުގައި ވެހިކަލްތައް ތޮއް ނުޖެހޭނެގޮތަކަށް އެ ސަރަހައްދުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުންނާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"މިހާރު ފުލުހުންނާއެކުވެސް މަޝްވަރާކުރަމުން މިދަނީ މާުކޭޓު ސަރަހައްދުގައި ވެހިކަލްތައް ތޮއް ނުޖެހި އާންމުންނަށް ފަސޭހަކަމާއެކު ވިޔަފާރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް،" ޝަމާއު ވިދާޅުވިއެވެ.

މާރުކޭޓު ސަރަހައްދަކީ އާންމުކޮށްވެސް ކާރޫބާރު ބޮޑު ސަރަހައްދެކެވެ. މާލޭގެ "ބާޒާރުމަތި" ހިމެނޭ އެ ސަރަހައްދުގެ ޓްރެފިކް ރަމަޟާން މަހު އާދަޔާ ހިލާފަށް ބާރުބޮޑުވެއެވެ. މަސްމާރުކޭޓާއި، ލޯކަލް މާރުކޭޓުގެ އިތުރުން ބާޒާރުމަތީގެ ފިހާރަތައް ހުންނަ އެ ސަރަހައްދަށް އާންމުން ވިޔަފާރި ކުރަން ދާ ވަގުތުގައި ޓްރެފިކް ބޮޑުވުމުގެ ޝަކުވާ އަށް މިފަހަރު ހައްލެއް އަންނާނެ ކަމަށް ބެލެވެއެވެ.