17 Apr 2019, 17:33
ވިލިމާލޭގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެ މިސްކިތް ހުޅުއްވައިދެއްވީ މިއަދު މެންދުރުފަހު ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަސްރު ނަމާދުގެ ޖަމާއަތުގައިވެސް ރައީސް ސޯލިހް ބައިވެރިވެލެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ވިދާޅުވީ މިސްކިތްތައް އިމާރާތްކުރުމަކީ ދެމި ހުންނަނިވި ސަދަގާތެއް ކަަމަށެވެ.
މިއީ އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ހަދައިފައިވާ މިސްކިތެކެވެ. އަންހެނުންގެ ބައިގައި އަދި ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް ނުނިމޭތީވެ އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާ ބައި އަދި މިއަދު އަދި ނުހުޅުވައެެވެ.